April 17, 2026
Advertisement
ޖޯ ބައިޑަން
ޖޯ ބައިޑަން / ރޮއިޓަރސް

އަންނަ ހަފްތާގައި ވަގުތީގޮތުން ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ކަމަށް އުންމީދުކުރަން: ބައިޑަން

Azzama
އައްޒާމާ
Feb 27, 2024, 04:08 PM

އެމެރިކާގެ ރައީސް ޖޯ ބައިޑަން ހޯމަ ދުވަހު ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް އުފެދިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި އެއްބަސްވުމުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން މަޑުޖައްސާލުމާއި، ބަދަލުގައި ޣައްޒާގައި ބާކީ ތިބި ގިނަ ރަހީނުން ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށެވެ.

Advertisement

ޣައްޒާ ހަނގުރާމަ ހުއްޓާލާނީ ކޮން އިރަކުތޯ ހޯމަ ދުވަހު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ ހަފްތާ ބަންދު ނިމޭއިރު އެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "ގައުމީ ސަލާމަތާ ބެހޭ ލަފާދޭ އެޑްވައިޒަރ އަހަރެން ގާތު ބުނީ ހަނގުރާމަ ހުއްޓާލުން ވަރަށް ގާތްކަމަށް، ނަމަވެސް އަދި ޑީލަކާ ހަމައަށް ނާދެވޭ. އަހަރެންގެ އުންމީދަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އަހަރެމެންނަށް ހަނގުރާމަ ހުއްޓާލެވުން." ބައިޑަން ވިދާޅުވިއެެވެ.

ޣައްޒާ ހަނގުރާމައަށް 5 މަސް ވީއިރު ފަލަސްތީނުގެ ގާތްގަނޑަކަށް 30،000 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އިސްރާއީލުން ބަދަލު ހިފުމުގެ ކެމްޕޭން ޣައްޒާގައި ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާއި ޣައްޒާގެ ބޯޑަރު ފެންސް ތެރެއިން ހަމާސްގެ ހަނގުރާމަވެރިން ވަދެ 1،200 މީހުން މަރާލައި ހިންގި ތޫފާން އަގްސާ އޮޕަރޭޝަންއާ ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ގާތްގަނޑަކަށް އިސްރާއީލުގެ 250 މީހުން ހަމާސްއިން ހައްޔަރު ކުރިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަތުވެއްޖެނަމަ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލުން ވަނީ ވައުދުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved