

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިގެން އުޅޭ މީޑިޔާ ރެގިއުލޭޓު ކުރުމުގެ ބިލުގެ ފެށުމުގައި އެ ބިލުގެ މަގްސަދުގެ ގޮތުގައި އޮތީ މިނިވަން ނޫސްވެރިކަން ކުރިއެރުވުން ކަމުގައި އޮތް އޮތުމާ މެދު ރުހި ގަބޫލެވެ. ނަމަވެސް މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވަނީ އަދުގެ ނޫސްވެރިންނަކީ ޖީބުން ގަނެވިފައި ތިބި ބައެއްގެ ގޮތުގައި ސިފަކުރައްވާ ނޫސްވެރިންގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ތަޅުމުގައި ދައްކަވާފައެވެ.
އެގޮތުން ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް، ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވަނީ، ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއްގެ ކަމަށާ، މީޑިއާތަކަށް މަހުޖަނުންނާއި ފައިސާވެރިން ފައިސާ ދިނުމުން ފައިސާ ދޭ ގޮތަކަށް މީޑިއާތަކުން ސުރުޚީ ޖަހައިދޭ ކަމަށާއި، ބޭރު ގައުމުތަކުގައި ވެސް ކަން ހިނގަނީ އެ އުސޫލުން ކަމަށެވެ.
ނާޒިމު މި ބަހުގެ ހަމަލާ އަމާޒުކުރެއްވީ ކޮން ވިޔަފާރިވެރިއަކަށް ކަމެއް ނުވަތަ މަހުޖަނަކަށް ކަމެއް ނޭނގުނު ނަމަވެސް ޔަގީނުންވެސް މި ސަރުކާރު އައިސް ރައްޔިތުންގެ ފައިސާއިން "ރިޝްވަތު" ދީގެން ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓުކުރަން އެތައް އޮންލައިން ނޫހަކާ ޓީވީ ސްޓޭޝަންތައް އެބަ ހިންގައެވެ. އެގޮތުން ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ހުރި ފައިސާކޮޅު ދަވާލައިގެން ބޮޑު މީޑިޔާ ހައުސެއް ހަދާ ޒާމާނީ ވަސީލަތްތައް ގެނެސް ބޮޑެތި އަދަދުތަކުން މުސާރަދީގެން ނޫސްވެރިން ގެންގުޅެނީ ޔަގީނުންވެސް ރައީސް މުއިއްޒު ޕްރޮމޯޓުކުރަންށެވެ.
ޖީލާ ފަރުދުންނާ މިހެން ގޮސް ނަން ހުސްކޮށް އޮންލައިން ނޫސްތައް ބަޑިތަކުރު ވިހޭރޭ އަލަފަތް އައި އުސޫލުން އުފައްދާ ނޫސްވެރިން ޖީބުން ގަތީ މި ސަރުކާރުގެ ވެރިންނޭ ބުނެވިދާނެއެވެ. ދެން ކުރާ ހޭދައާ އެއްވަރަށް ރައީސް މުއިއްޒުގެ މަގުބޫލުކަން އިތުރުނުވުމުން ސަރުކާރު ޒިންމާދާރު ކުރުވަން ނަފްސު ވިއްކާ ނުލާ ތިބި ނޫސްވެރިންނަށް ރޯޅި ބާލަން ބޮޑު ބިލެއް ހުށަހަޅައިގެން ޖަހަނީ ކޮން ސަކަރާތެއް ބާއެވެ؟
ނޫސްވެރިން ގަނެލައިގެން ޖަހންވީ ހެޑްލައިނާ ޚަބަރުވެސް ސީދާ ރައީސް އޮފީސް ތެރެއިން ފޮނުވައިގެން ތިބެ މިނިވަން ނޫސްވެރިކަމަށް ޖާގަދޭން ބިލު ހުށަހެޅިއޭ ބުނާމީ ގަބޫލުކުރަން އަޅުގަޑުމެން މިއީ އިއްޔެ މެންދުރު ވިހޭ ތުއްތު ކުދިންނެއް ނޫނެވެ. ތިމަ ތިމާމެން ފަތިފުށް ހާމަވާ ފަދަ ޑޮކިއުމަންޓްރީތައް ހުއްޓުވަން ރިޝްވަތުގެ ކަޅު ފައިސާ ހުށަހަޅާ ބަޔަކަށް މިނިވަން ނޫސްވެރިކަން ކުރިއަރުވަންށޭ ކިޔާ ދެއްކޭނެ ވާހަކައެއް ނޯންނާނެއެވެ.
ނުރުހޭހެން ބިލާ މެދު ޚިޔާލުފާޅުކުރުމުން ބިރުދެއްކުމުގެ އުސޫލުން އެ ޗެކުތައް ހިފެހެއްޓި ނަމަވެސް އެ ވާހަކަވެސް ދައްކާނެ ބަޔަކު ތިބޭނެއެވެ.