

އެމްޑީޕީގައި 10 އަހަރު ހޭދަކުރުމަށް ފަހު މިއަދު އެ ޕާޓީއިން ވަކިވި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މި ސަރުކާރުގެ މަގާމަކަށް އަންނަން އުޅޭ ކަމުގެ އަޑުގަދަވެފައިވާއިރު، އޭނާ "ދޮން"ކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިވަގުތު ސަރުކާރުން އޭނާއަށް މަގާމެއް ދީފާނެ ކަމަށާ ނަމަވެސް ދިހަ އަހަރަށް ފަހު މަހްލޫފު އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅެނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނިކުތުމަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ވަނީ ތޭރަ އޮންލައިނަށް މައުލޫމާތު ދީފައެވެ.
މަހްލޫފުގެ އަންހެނުން ނަޒޫ ނަސީމް މިވަގުތު މާލެ ސިޓި ކައުންސިލްގެ ކޮންސަލްޓެންޓެއްގެ މަގާމު އަދާ ކުރަމުންދާއިރު، ސިޓީ ކައުންސިލް ތެރެއިން މަހްލޫފަށް ފަހި ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ނަޒޫގެ އެހީތެރިކަމާ އެކު ބަރާބަރަށް ކުރިއަށްދާ ކަމަށާ ނަޒޫ އެ މަގާމަށް މިހާރުގެ މޭޔަރ އާދަމް އާޒިމް ގެނެސްދިނުމުން ނަޒޫއާ އާއިލާއިން އާޒިމްގެ ބޮލަށް "ގުއި ރީ" ކަމަށް ވެސް އެމީހާ ވަނީ ބުނެފައެވެ.
މިފަދަ އަޑެއް ފެތުރިފައި މިވަނީ 10 އަހަރަށް ފަހު މަހްލޫފު އެމްޑީޕީއިން ވަިކިވެފައިވާކަން އޭނާ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަހްލޫފު އެމްޑީޕީއިން ކުއްލި ގޮތަކަށް ވަކިވެފައިވަނީ، އޭނާގެ އަމިއްލަ އިސްނެގުމާ އެކު ބޭއްވި ބެޑްމިންޓަން މުބާރާތެއްގެ ފައިނަލް މެޗުތައް، ރައީސް ޑރ މުހައްމަދު މުއިއްޒު ޝަރަފްކޮށްދެއްވި ރޭގެ އަނެއް ދުވަހުކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި މިއީ މާކުރިން ސުރެވެސް ރޭވިގެން ހިނގަމުން އައި ކަމެކެވެ.
މަހްލޫފަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ނިމިދިޔަ ސަރުކާރުގައި ވަޒީރުކަމުން ހަތަރު މަސްވަންދެން ސަސްޕެންޑުކުރި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުން އޮތްކަން ހާމަވެފައިވާ މީހެކެވެ. މި ސަރުކާރަކީ އެމްއެްޕީއާރުސީގެ ވައްކަމުގެ ހުރިހާ ވަގުންނާ އަރާ ހަމަކުރާނެ ކަމަސް ބުނި ސަރުކާރެއްކަން ފާހަގަކޮށްލެވެއެވެ.