
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންއިން ވެރިކަން ކުރާ ޕާޓީ ޕީއެންސީ ބަލިވުމުން އެކަމުގެ ދިފާއުގައި ޕާޓީގެ ވެރިން ވާހަކަ ދައްކަމުންދަނީ، ގަތް ލަދުގެ ބޮޑުކަމުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބުނަމުން ދަނީ ބައި-އިލެކްޝަންގައި ހިތަދޫ އުތުރުގެ ގިނަ ފޮށިން ކާމިޔާބު ލިބުނީ އެ ޕާޓީއަށް ކަމަށާ މީގެ ކުރިން އެމްޑީޕީ ކިއްލާއެއްގެ ގޮތުގައި އޮތް ދާއިރާ، ޕީއެންސީގެ ފިކުރަށް އެނބުރިފައިވާ ކަމަށެވެ. އަދި އެއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވުނީ ހަނި ގޮތަކަށް ކަމަށް ބުނެ ސަރުކާރުން ފަންޑުކުރާ ނޫސްތައް މެދުވެރިކޮށް ހެޑްލައިންވެސް ސަރުކާރުން ދަނީ ލިޔުއްވަމުންނެވެ.
އެކަންކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ، އެންމެ ފުރަތަމަ ކަމަށް އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ)އަށް މަރުހަބާ އާ ތަހުނިޔާ ވިދާޅުވެފައެވެ.
އޭގެ ފަހުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަށް ފުރިހަމައަށް މަސައްކަތްކުރެވުނު ނަމަ މޮޅުވި ވޯޓުގެ ފަރަގު ބޮޑު ކުރެވުނީސް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ކެންޑިޑޭޓަށް އިންތިހާބުން ކާމިޔާބު ވަނީ ލިބިފައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސޯބެ އެހުރީ ހޮވިފައި ކަމަށާ، މޮޅު ވާނީ މޮޅަށް ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިންތިހާބުން ބަލިވުމުން ޕީއެންސީއިން ދިފާއުގައި ވާހަކަ ދައްކަނީ ލަދު ހީވެގެން ކަމަށެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން އުޅެނީ ނެތް ހަކަތަ ދައްކާ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ތުހުމަތުކުރައްވާފައެވެ.










