

ސިޔާސަވެ ސިޔާސީ ބޭބޭ ފުޅުންނަށް ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް ބުއްދި ގޯސްވަނީ ހަމަ ހުރެފައެއް ނޫނެވެ. ބުއްދީގެ މައްޗަށް ދޫ ގަދަވެގަންނަނީ ސިޔާސީ ސިހުރުގައި ދޫ ބަންދު ކުރެވޭތީ އެވެ. ބައެއް ފަހަރު ތިމާގެ ސައިޒަށް ވުރެ އޯޑިއަންސް މަދުވުމެވެ. ނުވަތަ އިތުރުވުމެވެ.
ނޫނީ ދެންވާނެ އެހެން ގޮތަކީ ސިޔާސީ ސްޕީޗް ވިއްކުމެވެ. ތިމާ ވަކި ތަނެއްގައި އޮތް އެއްވުމެއްގައި ބައިވެރިވެ ކިޔާ ސަނާއަކުން ލިބޭ މާލީ މަންފާ އެވެ. ކުރުކޮށް ބުނާނަމަ ސިޔާސީ ޕޯޑިއަމުން ޖީބަށް ވަންނަ ފައިސާ އެވެ. އަދި މިނޫން ހާލަތެއްވެސް އޮވެދާނެ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ކުރިން މިދެންނެވި ކިޔޭ ނުކިޔޭއެއް ނޭނގި ހޭބަލިވާ ސިޔާސީ ތާކިހަލުގައި ހުންނެވި އެއް ބޭފުޅަކީ ރ. އިންނަމާދޫ ފަލަކް އިބްރާހިމް ފަލާހު އެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ. މިވަރުން ވެސް ނޭނގެނީ ނަމަ އެއަށް ވުރެ ތިލަކޮށް މިހާރުގެ ސިޔާސީ ބަހުރުވައިން ނަމަ "ބޮޓޭކޯ" އެވެ.
ބޮޓޭކޯގެ ވާހަކަ ދައްކަން ފަށަން ޖެހެނީ އޭނާ ވިދާޅުވާ އޭނާ ނޫން މީހާ އެއްޖިންސުން ގުޅުން ހިންގާ ވާހަކަ އިންނެވެ. މިފަހުން މަޖިލިސް ތަޅުމުގައި އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ފަލާހު ވިދާޅުވިއެވެ.
އަލަމްގިރި ކިޔާ މީހަކާއެކު ދިވެހިންގެ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް ލީކުކޮށްލި ދުވަސްވަރެއްގައި ފަލާހާ ވައްތަރު މީހެއްގެ ވީޑިއޯއެއް ވެސް ލީކުކޮށްލީ ކަމަށް ފާލާހު ވިދާޅުވެ އެވެ. ނަމަވެސް ފަލާހު އެ ވިދާޅުވާ ކަމެއް ރިޕޯޓް ކުރަމުން ދިޔައީ "މިނިވަން" ޝޯސަލްމީޑިއާގަ އެވެ. އެއްވެސް "މެއިންސްޓްރީމް" މީޑިއާއެއްގައި އެ ވާހަކައެއް ނެތެވެ. އެކަމަކު، ދިފާއުގައި ފަލާހް ދެއްކެވި ވާހަކަތައް ބައެއް މީޑިއާތަކުން އެދުވަސްވަރު ރިޕޯޓުކޮށްފައި ހުއްޓެވެ. ފަލާހް އެއީ ތިމަންނާއެއް ނޫނޭ ވިދާޅުވި ވާހަކައެވެ. އެހެންވީމާ ނޫސްވެރިން އެދުވަހު ރިޕޯޓް ކުރީ ވެސް ފަލާހް ދެއްކެވި ވާހަކަ އެވެ. ފަލާހް އަލަގިރި ގާތަށް ނުވަންނަ ކަމަށް ވިދާޅުވުމުން ނޫސްވެރިން ސަލާމަތްކޮށްދިނީ ފަލާހު އެވެ. ހިމާޔަތް ކޮށްދެއްވީ ފަލާހު އެ ވިދާޅުވާ އަބުރު ފުޅެވެ.
ކޮންމެއަސް ފަލާހް އަލަމްގިރި ގާތަށް ނުދާ ކަމަށް އަމިއްލަ އިއުތިރާފެއް އޮތަސް އެ މައްސަލަ ފުލުހުން ތަހުގީކޮށްފައި ނުވާތީ އެކަމުގެ އަސްލަށް އޮތީ އަދި ވެސް ރުޖޫއަނުވެވި އެވެ. ދިފާއު އަކީ ފަލާހު އެކަން ނޫން ކުރުމެވެ. އަލަމްގިރި ވެސް ފަލާހްގެ ވައްތަރު މީހާގެ ކަމަށް ބުނާ މީހާގެ މައުލޫގައި އެއްޗެއް ބުނެފާ ނެތުމުން މުޅި މައްސަލަ އަދި ވެސް ސާފެއް ނޫނެވެ. ފަލާހު ތޯ ނުވަތަ ނޫންތޯ ނިންމަންވާނީ މިނިވަން ތަހުގީގަކުން ނެވެ. އެދެން މި މައުލޫގައި އަޅުގަނޑުގެ ޒިންމާއެއް ނޫން ކަމަށް ބަލާ ފުލުހުން ފަލާހްގެ ވީޑީއޯގެ މައްސަލައިގައި ދެކޭ ގޮތެއް ހާމަ ކުރަން ދެން އެކަން ޝައްކެއްގައި ބާއްވަމާ ބަހީ އެވެ.
އެހެން ނަމަވެސް ލީކުވި އަލަމްގިރި ވީޑިއޯގެ ރުޅިވެރިކަމުގައި ފަލާހް މިފަހުން މަޖިލީހުގައި ދެއްކެވި ވާހަކަތައް ވަރަށް ނުރައްކާތެރި އެވެ. ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ފަލާހު ވިދާޅުވުމުން އެކަމާއި ގިނަ ބަޔަކު ނުރުހުނެވެ. އަދި ފަލާހުގެ އަސްލު ސޫރަ ފެނި ދިވެހިން އާޝޯހުވި އެވެ.
ނަމަވެސް ދަންނަވަންތޯ އެވެ. ފަލާހުގެ އެ ވާހަކަތަކުން އަޅުގަނޑަށް ވަކިން ލިބުނު ހައިރާން ކަމެއް ނެތެވެ. ބިރުވެރިކަމެއް ވެސް ނެތެވެ. އެއީ ފަލާހުގެ ސިޔާސީ މާޒީގެ ފަސް ފަހަތް ހާވާލުމުން މުޅިން ވެސް ފެންނަން ހުރީ އެފަދަ "މުޅަ" ދޮގު ވާހަކަ ތަކެވެ. މުޖުތަމައެއްގައި ފަސާދައާއި ފިތުނައާއި ބިރު އުފެދޭނެ ކިތަންމެ ވާހަކައެއް ފަލާހު ވަނީ ދައްކަވާފަ އެވެ.
މައްކާގެ މުޝްރިކުން ކަމަށް ވިއަސް ނުވަތަ މަދީނާގެ ޔަހޫދީންނާއި ނަސާރާއިން ކަމަށް ވިއަސް އޭގެ ތެރެއިން އަދާވާތްތެރިންގެ ފަރާތުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށާއި އެކަލޭގެފާނަށް ތަބާވާ މުސްލިމުންނަށް އެކި ބާވަތުގެ ޖެއްސުންތަކާއި އަނިޔާތައް ކުރަމުން ގެންދިޔަ ފަދައިން ފަލާހު އަކީ އޭނާގެ ސިޔާސީ ބޭނުމެއް ހާސިލް ކުރުމައްޓަކާ އޭނާގެ ދުލުން ކޮންމެ ފަދަ ވާހަކައެއް ވެސް ނެރެ މުޖްތަމައުއަށް ދޫކޮށްލަ ފާނެ މީހެކެވެ. އެފަދަ ކިތަން ސިޔާސީ ދޮގެއް ފަލާހުގެ ދުލުން ބޭރުކޮށް ދިވެހިންގެ އެއްބައިވަންތާކާމާއި އެކުވެރިކަމަށް ސުލްހަ މަސްލަހަތު ނަގާލުމަށް ފަލާހު އަކީ ސިޔާސީ މައިކް ބޭނުން ކުރައްވާ ބޭފުޅެކެވެ.
އެފަދަ ކިތަންމެ މިސާލެއް މީޑިއާގެ އާކައިވް ތަކުން އެހުރީ ފެންނާށެވެ. މިއަދު ވެސް ފަލާހްގެ ދޮގު ދުލުން ޒަހަމް ލިބުނު ސިޔާސީ ކިތަންމެ ހިތްތަކަކަށް އަދިވެސް ވަނީ ޝިފާ ނުލިބި އެވެ. ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް އަށް ގޮވިހާ ގޮވެލި ފައްޗާއި އެމަނިކުފާނުގެ ބޮލުގައި އެޅުވި އިލްޒާމެވެ. ކުރީގެ ރައީސް މައުމޫނަށް ކުރެއްވި މަލާމާތާއި ޖެއްސެވި ހަޖޫތަކެވެ. އަދި މިފަހުން ރައީސް ޔާމީން އަށް ނިސްބަތް ކުރައްވާ ފަލާހް އެ ދައްކަވާ ދޮގު ހުތުރު ވާހަކަ ތަކެވެ. މިފަދަ ކިތަންމެ ސިޔާސީ ބޭފުޅުންނަކާއި ދިމާ ކޮށްލެއްވުމުގައި ހުތުރު މާޒީއެއް އޮތް ބޭފުޅަކު ނޫސްވެރިންނަށް "މަރަން" ގޮވުމުން އެކަން އަޅުގަނޑަށް ހަމަ އާކަމަކަށް ނުވަނީ އެވެ. ދެން މިއަދު ރައީސް މުއިއްޒުގެ ކަންވާރުން ފެން ލިބޭތީ އެ ކުރައްވާ ތައުރީފާ ހުޝާމަތުގެ ޅެން ފަރިއްސެވެ.
ދަންނަވަންތޯ އެވެ. އެކަންވާރަކުން ފައިބާނީ އެއެއްޗެއްގައި ހުރި ދިޔައެވެ. އަލަމްގިރި އަތަށް ދީގެން ފެލި ޔަސް ބޮޓޭކޯ ފަލާހްގެ އަނގައިން ފައިބާނީ ހަމަ އެ ހުތުރު ބަސްތަކާއި ލޭއޮހުރުވުމަށް ހިތްވަރު ދޭނެ ލަފްޒުތަކެވެ. އެއީ ފަލާހުގެ ބަހުގެ ރަދީފަކީ ދިވެހި ސިޔާސީ ވެށި ދަންނަ "ފަކުރު" އެއްޗެކަމަށް ވުމުންނެވެ. މިއަދު ފަލާހު ކިތަންމެ ވަޑާމަށް މޮޅަސް އޭނާ އަކަށް، ދެން ކުރިން ހެއްދެވި ދޮގު ތެދުކުރެވޭނެ ކިއްސަރެއް ނުގެނެވޭނެ އެވެ.
މަޖިލީހުގެ އިމްތިޔާޒުގެ ދަށުން ހިމާޔަތް ލިބި ހުރި ކަމަށް ފަލާހް އަށް ހީފުޅުވިޔަސް އިސްލާމްދީނުގެ އަސްލަކާ ހިލާފަށް ވޯޓެއް ދެއްވިޔަސް ބިލެއް ހުށަހެޅުއްވިޔަސް ވާހަކައެއް ދެއްކިޔަސް މަޖިލިސް މެންބަރުން ހާޒިރުކޮށް، ހައްޔަރުކޮށް ތަހުގީގުކޮށް ދައުވާ ވެސް އުފުލޭނެ ކަމަށް ގާނޫނީ މުފައްކިރުން އެދަނީ ވިދާޅުވަމުން ނެވެ.
ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "އިސްލާމްދީނުގެ އަސްލު" ކަމުގައި ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައި ނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.
އިލްމު ވެރިންނާއި ގާނޫނީ މާހިރުން ވިދާޅުވާ ގޮތުން މީހުންނަށް ލާއިންސާނީ އަދަބު ދިނުމާ ދެކޮޅަށް ދީނީ އެތައް ފަތުވާއެއް ނެރެފައިވާ އެބަހުއްޓެވެ. އަދި އެކަމަކީ ނަހީ ކުރައްވާފައިވާކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސް ވެސް ކުރައްވާފައިވާ ކަމަށް އިލްމުވެރިން ނާއި ގާނޫނީ މާހިރުން ވެސް އެގެންދަވަނީ ވިދާޅުވަމުން ނެވެ.
އެހެން ކަމުން ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ފަލާހް ފާޅުގައި ގޮވާ ލައްވާ އަދި އެކަން ދިފާއު ކުރައްވާ އެ ދައްކަވާ ވާހަކަތަކާއި ގުޅިގެން ފުލުހުން އެދުނަސް މިނިވަން ޕްރޮސިކިއުޓާ ޖެނަރަލް އެއްގެ ގާނޫނީ ލަފަޔަކީ ވެސް މިއީ އެވެ. ފަލާހް އެހުރި މިހާރު ރައްޔިތުންގެ ދަރުބާރަށް ނެރެ އަނގަހައްދު ޖަހަން ވެފަ އެވެ.