

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރުމަށް މިރޭ ބާއްވާ ފޯރަމްއަށް މި ބިލުގެ ދިފާއުގައި ޓްވީޓް ކުރައްވަމުން ގެންދަވާ ސިޔާސީ ވެރިންވެސް އެ ފޯރަމްގައި ބައިވެރިވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލާފިއެވެ.
ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށާ ބިލުގައި އާންމުންނަށްވެސް ގެއްލުންވާނެ ގޮތަށް ހުރި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ މި ފޯރަމްގައި ސިޔާސީ ވެރިންވެސް ބައިވެރިވެ ނޫސްވެރިން ދައްކާ ވާހަކަތައް އަޑުއައްސަވާ އެ ބޭފުޅުން ޗެލެންޖް ކުރެއްވުމަށް އެމްޖޭއޭ އިން އެދެފައިވެއެވެ.
އެމްޖޭއޭ އިން ބުނީ ސަރުކާރުގެ ބައިވެރިވުމާއި އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މެންބަރަށް މި ބިލު ހުށަހަޅާ އަސްލު މަޤްސަދު ފަހުމްނުވާ ކަމަށާއި، މި ބިލު މަޖިލީހުން ބަލައިގަތް ބޭފުޅުންނަށް މި ބިލުގައި އޮތް އެއްޗެއް އެގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބިލު ދިރާސާ ކުރާ ކޮމިޓީގައި ތިއްބެވި ބޭފުޅުންނަށް މި ދިރާސާކުރެވެނީ ކޮން އެއްޗެއް ކަމެއް އެގިނުލައްވާ ކަމަށެވެ.
ރާއްޖޭގެ 22 މީޑިއާއަކުން ކޮމިޓީއަށް ވަޑައިގެންނެވި ކަމަށާއި އެއް މީޑިއާ ފިޔަވާ އެހެން ހުރިހާ މީޑިއާތަކުން މި ބިލަށް ދެކޮޅު ހެއްދެވިކަން ފާހަގަކުރައްވާ އެމްޖޭއޭ އިން ވިދާޅުވީ އެއް މީޑިއާއިން ބިލް ގޯސް ކަމަށް ވިދާޅުވެ އިސްލާހް ކުރަންޖެހޭ ބައިވަރު ކަންކަން ހުރި ކަމަށް ފާހަގަކުރެއްވިކަމަށެވެ.
ނޫސްވެރިންގެ މި ހުރިހާ ކަންބޮޑުވުންތައް ފާޅުކުރުމުންވެސް ކޮމިޓީގެ މެންބަރުންނަށް ސުވާލެއްގެ މިންވަރުވެސް އުފައްދަން ނޭގުނު ކަމަށް އެމްޖޭއޭއިން ވިދާޅުވިއެވެ. އިލްމީ ވާހަކަތައް ދައްކަވައިގެން މި ބިލު ދިފާއު ނުކުރެވޭނެތީ އެ ބޭފުޅުންނަށް މަޖުބޫރުވީ ދޮގު ހަދައިގެން ބިލު ދިފާއުކުރަން ކަމަށްވެސް މި ޖަމިއްޔާއިން ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރާ ކޮމިޓީ މެންބަރުންނަށް ނޭގުނޭ މި ބިލާއި ގުޅޭ ގޮތުން އެންމެ ސުވާލެއްވެސް ނޫސްވެރިންނަށް ކޮށްލަން. އިލްމީ ގޮތުން މި ބޭފުޅުންނަށް ބިލު ދިފާއު ނުކުރެވޭތީ އެ ބޭފުޅުންނަށް މަޖުބޫރުވަނީ ދޮގު ހަދަން
މީގެ އިތުރުން، މިނިސްޓަރު ލެވެލް ބޭފުޅުން އާންމު ރައްޔިތުންނާއި އެއް ހަމައަށް ފައިބާ "ރޭގަނޑުގެ ނިދި" ނަގާލުމަށްފަހު ޓްވީޓް ކުރަމުންދާ ކަމަށާއި މިއީ ނޫސްވެރިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަން ހާމަވެގެންދާ ކަމުގެ ހެއްކެއް ކަމަށެވެ.
"ޚިޔާލާ ފިކުރު ކަފުނަށް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ފޯރަމް ކުރިއަށްދާނީ "އޯޕަން މައިކް" އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.