
ވަކި ޑޮކިއުމަންޓްރީއެއްގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ސީދާ ކޮށްވެސް ނުސިދާކޮށްވެސް ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު "ގެގް" އޯޑަރ ނުވަތަ އަމުރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްތިއުނާފުކޮށްފިއެވެ.
އެމްޖޭއޭއިން އެ ހުކުމް އިސްތިއުނާފުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ.
އެމްޖޭއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެ އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށް ވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ. ހާއްސަކޮށް ވަކި މައުލޫމާތެއް ފެތުރުން މުޅިން މަނާކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ. އެހެންކަމުން، މި އަމުރު ބާތިލުކުރުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އާންމު މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގަ އެވެ.
އެ ޖަމްއިއްޔާއިން ވަނީ، ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭން އެދިފައިވެއެވެ.
ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކޯޓުގައި އެދިގެންނެވެ.
އެގޮތުން، ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރަން
ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން
ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމެއްގެ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން ށެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވެސް އަންނަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.










