March 17, 2026
Advertisement
-
- / ވޮއިސް.އެމްވީ

އެމްޖޭއޭ މުއިއްޒަށް: މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ބައްދަލުކޮށްދެއްވާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 27, 2025, 11:46 PM
މާލެ ސިޓީ

ސަރުކާރުގެ ފުރިހަމަ ތާއީދާއި އެކު ބ.ތުޅާދޫ މަޖިލިސް މެންބަރު އަބްދުލްހަންނާން ލައްވާ ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލާއި ގުޅުން ހުރި ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބައްދަލުކޮށްދެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މުއިއްޒަށް ގޮވާލާފިއެވެ.

Advertisement

މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހާއި މުލިއާގެ ކުރިމަތީގައި ނޫސްވެރިން ކުރަމުންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޖޭއޭގެ ކުރީގެ ރައީސް އަހްމަދު ޒާހިރު ވިދާޅުވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އޭގެ ފަހުން މުއިއްޒު މާލެއިން ބޭރަށް ދެ ދަތުރު ކޮށްފައިވާ ކަމަށާއި މީޑިއާ ބޭފުޅުންނާއި ބައްދަލުކުރާނެ ވަގުތެއް މުއިއްޒަށް ނެތް ކަމަށެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަޅުގަނޑުމެންނަށް ގުޅާފަ ބުނީ ރައީސުލްޖުމްހޫރިއްޔާ މީޑިއާ ބޭފުޅުންނާއި ބައްދަލުކުރައްވާނޭ ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ދެ ދަތުރު ކުރައްވާފި އަދިވެސް ބައްދަލެއް ނުކުރޭ. މިއަދުވެސް ޖަލްސާ ނިމުނީ އޭ ކިޔަ އޮޅުވާލާފަ އަނެއްކާ ޖަލްސާ ކުރިއަށް ގެންދިޔައީ

ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިން މުޒާހަރާ ކުރާތީ ޖަލްސާ ކުރުކޮށްލާ ނިންމިކަމަށް އިއުލާންކޮށް ނޫސްވެރިންނަށް އޮޅުވާލާ "ވަލުދޮރާށިން" ބިލު އަނެއްކާވެސް ވައްދާ ބިލަށް ބަހުސް ކުރުމަށް ޖަލްސާ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ.

މި ބިލާއި ގުޅިގެން ނޫސްވެރިންނާއި މީޑިއާ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެ ބޭފުޅުންނާއި ބައްދަލުކުރުމަށް ވަރަށް އާދޭހާއި އެކު ދަންނަވާ ކަމަށް ޒާހިރު ވަނީ އިލްތިމާސްކޮށްފައެވެ.

މިއާއި އެކު މީޑިއާތައް ރެގިއުލޭޓް ކުރަން ޖެހޭނީ ސަރުކާރުން ނޫން ކަމަށާއި މީޑިއާގެ ފަރާތްތަކުން ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މިކަން ކުރައްވާނަމަ އެއީ ސަރުކާރުން މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަނެ، މިނިވަން ނޫސްވެރިކަމަށް އެޅުވޭ ތަޅެއް ކަމަށް ނޫސްވެރިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved