މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލުނފާސް ކުރަން ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި ނޫސްވެރިން މުޒާހަރާ ކުރަނިކޮށް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޖަލްސާ ބާއްވާ ގަޑިއަށް ވުރެ ހަ ގަޑިއިރު ކުރިން މެންބަރުންނަށް އެޖެންޑާ ފޮނުވަން ޖެހެ އެވެ. ނަމަވެސް މިއަދު މަޖިލީހުގެ ދައުރުން ބާއްވާ މީޑިއާތައް ނެތިކޮށްލާ ބިލުގެ އެޖެންޑާ ނެރެފައިވަނީ މިއަދު ހަވީރު 5:00 ގެ ފަހުންނެވެ.
މި ޖަލްސާގެ އެޖެންޑާގައި އޮތީ މީޑިއާ ނައްތާލާ ބިލުގެ ވާހަކަ އެކަނިކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން މިކަމުން މީޑއާތަކާއި ނޫސްވެރިންގެ ހައްގުތަކަށް ސަރުކާރުން އަރައިގަން މީޑިތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުން ނެގުމަށް ދުރާލާ ތައްޔާރުވެ ކުރަމުން އަންނަ ކަމެއްކަން ހާމަވެގެންދެއެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން އަންނަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.
މީގެ އިތުރުން، މި މުޒާހަރާގައި ބައެއް ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ވެފައިވާއިރު ބައެއް ނޫސްވެރިން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން މިރޭ 08:00 -10:00 އަށް ޗެނަލް 13 ގެ ބްރޯޑްކާސްޓިންގެ ޚިދުމަތްވެސް މެދުކަޑާލުމަށް ބްރޯޑްކޮމް އިން ވަނީ ފިޔަވަޅު އަޅާ އިންޒާރު ނެރެފައެވެ.