theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގިނަ ނޫސްވެރިންތަކެއް ސޮއިކޮށް މަޖިލީހަށާ ރައީސަށްވެސް ޕެޓިޝަން ހުށަހެޅުން / ސޯޝަލް މީޑިއާ
ހަބަރު
މީޑިޔާ ކޮންޓްރޯލުކުރާ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ކުރީގެ ޕީޖީ މުއިއްޒުގެ ނުރުހުން!
Mariyam Isaadha
މަރިޔަމް އިސާދާ
16 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިޔާ ކޮންޓްރޯލުކުރާ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

މީޑިޔާ ބިލާ ގުޅޭ ގޮތުން ނޫސްވެރިން މަޖިލީހަށް ހުށަހެޅި ޕެޓިޝަންވެސް މަޖިލީހުގެ ކޮމިޓީއިން ބޭރުކޮށް، މިއަދު ދައުރުން ބާއްވާ ޖަލްސާގައި އެ ބިލު ފާސްކުރަން ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ މަސައްކަތްކުރަމުންނެވެ.

މަޖިލީހުން އެ ބިލު އަވަސް އަރުވާލައިގެން ރޯމަހެއް ތެޅޭހެން ތެޅިގަނެގެން ފާސްކުރަން އުޅޭ ސަބަބާ މެދު ސުވާލު އުފައްދާ މުއިއްޒު ވިދާޅުވެފައިވަނީ، މި ބިލު ފާސްކުރަން މަޖިލީހުން މަސައްކަތްކުރަނީ އާދަޔާހިލާފަށް އަވަހަށް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށާ އަދި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ޚަބީރުންގެ ލަފަޔާއި އެންމެހާ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެކަމަށް ތަޖުރިބާކާރު ވަކީލެއް ކަމަށްވެސްވާ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މިހާރު އެ ބިލު އެ އޮތްގޮތަށް ފާސްކުރުމާ މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް، އަވަސްއަރުވާލައިގެން ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު ފަދަ ދާއިރާގެ އިލްމުހުރި ބޭފުޅުންގެ ޚިޔާލާއި ލަފާ ހޯދައިގެން ބިލު އަލުން އެކުލަވާލުމަށް މުއިއްޒު ލަފާއަރުވާފައިވެއެވެ.

މީޑިޔާގެ މިނިވަންކަން އިމެއް ނެތް މިންވަރަށް ދޭނެ ކަމަށް ބުނެ އައި ސަރުކާރުން މީޑިޔާ ކޮންޓްރޯލު ކުރެވޭނެ ބިލެއް އަވަސް އަރުވާލައިގެން ފާސްކުރާއިރު، ދުނިޔޭގެ 21 ޖަމްއިއްޔާއަކުން މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލުންނާ، ނޫސްވެރިންގެ ބެލެނިވެރިންކަމަށްވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކަމަށް ރިއާޔަތްނުކޮށް މަޖިލިސް އިން ބިލު ފާސްކުރަނީ ސީދާ ރައީސް މުއިއްޒުގެ ފުރިހަމަ އިރޝާދާ ލަފާފުޅުގެ ދަށުން ކަމަށް ސީދާ ޕީއެންސީ މެމްބަރުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved