
ރާއްޖޭގެ މިނިވަން މީޑިއާ ނެތިކޮށްލުމަށް މަގުފަހިވާ ގޮތަށް ސަރުކާރުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން އުފެއްދި މީޑިއާ ކޮމިޝަނަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއަކަށް ސެކްރެޓަރީ ޖެނެރަލްއެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާއި މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ ސިފަތައް
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެއެވެ.
21 އޮކްޓޯބަރު ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މީޑިއާ ކޮމިޝަނަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތުގެ ނަމެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބަކާ ނުލާ ހޮވިފައި ވަނީ އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހޮވިފައި ވަނީ ސިމާހާ ނަސީމާއި، ހުސައިން ސަގީފެވެ.










