theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު / އަލީ ނިޝާން
ރިޕޯޓު
މި ވެރިންގެ އުޅުމުން ފެންނަނީ މާއްދީ ޖިސްމާއި ހައިވާނީ ޣަރީޒާތަކެވެ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރަން އުޅޭ ސަރުކާރެއްގެ ވެރިންގެ ތެރޭގައި "މުއުމިނުން" މަދުވެއްޖެ ނަމަ ދެން އެ ވެރިން ބަލައިގަންނާނީ މާއްދީ އަދި ހިއްސީ އެއްޗިއްސާއި ކަންކަމެވެ. މިފަދަ ވެރިންނަކީ ހަގީގަތުގައި އިއްޔެ އާއި މާދަމަ އަށް ވުރެ އަބަދުވެސް މިއަދު މުހިންމު ވާނެ ބައެކެވެ. ވެރިކަމުގެ ކޮންމެ ދުވަހެއްގައި ވެސް ހިއްސީ ލައްޒަތުތައް ފިޔަވައި އެހެން ކަމެއް ބޭނުމެއް ނުވާނެ އެވެ.

މިއަދު ދިވެހިންނަށް ވެސް ޖެހިފައި މިއޮތީ މިފަދަ ބަލާ މުސީބާތެކެވެ. ވެރިންގެ ޖައްބާރު ކަމުގެ ވޭނީ ހިތާމަ މިއަދު އުފުލަން ޖެހެނީ ރައްޔިތުންނަށެވެ. އަދި ބައެއް ފަހަރު ވެރިމީހާގެ ނުބައިކަން އޭނާ ވަށާލާ ލެއްވެސް މަދެއް ނޫނެވެ. އެހެން ވަނީ ވެރިމީހާގެ ފުށުން މުއުމިނެއްގެ ސިފަ ގެއްލެން ފަށާ ހިސާބުން ނެވެ.

ސަބަބަކީ ވެރީން ދިރިއުޅޭންވާނީ ވުޖޫދުގައި މިވާ ހުރިހާ އެއްޗަކާ އެކު އެވެ. އަދި ހާއްސަކޮށް ރައްޔިތުންނާ ގާތް ގުޅުމެއް ވާ ކަމުގެ އިހުސާސް ކުރަމުންނެވެ. މީގެ އިތުރުން މުއުމިނު ވެރިއެއް ނަމަ ގާތުގައި ނެތަސް އެހެން މުއުމިނުންނާ އެކުގައި އުޅޭ ކަމުގެ އިހުސާސް ވެސް ކުރާނެ އެވެ. ދުނިޔަވީ ހަޔާތާ އެކު އުހުރަވީ ހަޔާތް ވެސް ޝާމިލު ކުރާނެ އެވެ.

ނަމަވެސް މިކަންކަން ދޫކޮށްލައިފި ވެރިއެއްގެ ފުށުން ފެންނާނީ އޭނާގެ އަދުއްވުން ގިނަ ކުރާ ތަނެވެ. އިސާހިތަކު އޭނާ ނިކަމެތިވެ ވެރިކަމުގެ ދާނުގައި ތަފާތު ސަބަބުތަކާ ހުރެ އެކަނިވެރިކަން އިހުސާސް ކުރަން ޖެހެ އެވެ. އެއީ ﷲގެ ގޮވާލުންތަކަށް އުރަދޭ ވެރީން ނެވެ. މިފަދަ ވެރީންގެ  ބަހަށް ރައްޔިތުން ކިޔަމަން ގަތުމެއް ވެސް ނުވެ އެވެ.

ﷲގެ ހިދާޔަތު ނުލިބި މަގުފުރެއްދެވުމަށް އެކަލާނގެ އިރާދަކުރައްވާ ވެރިއެއްގެ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން، އުޑާ ދިމާއަށް މައްޗަށް އަރައިގެންދާ މީހެކޭ އެއްފަދައިން ލައްވަތެވެ. މިއަދުގެ ވެރިކަމުގެ ވެރީން ވެސް ތިބީ މިފަދަ ހާޖަތެއްގައި އެވެ. އިގްތިސޯދު ފުޑިއްޖެ އެވެ. ރައްޔިތުންގެ މާލީ ހާލަތު ދަނީ ދަށަށެވެ. ދައުލަތް ހިމެނޭހެން މުޅި ގައުމު އޮތީ ބޭރުގެ ކަރަތަކަށް ދަރާ ވިކިފަ އެވެ. ލޯނު ނުދެއްކިގެން ލަގަން ވިއްކާލަން ޖެހޭ ހިސާބުގައި އެވެ.

މި ހިތާމަވެރި ހާލަތައް ގައުމު ދާން ޖެހުނީ ސަރުކާރުގެ ތެރޭގައި ދޮގުވެރީން ގިނަވެ ތެދުވެރީން މަދުވުމުން ނެވެ. ހިޔާނާތްތެރިޔާ އަކީ އަމާނާތްތެރިއެއް ކަމުގައި ދުށީ އެވެ. އެހެންވީ ދުނިޔެވީ ލައްޒަތާއި ޝަޚުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އެޅުނީމަ އެވެ.

މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ވެރީންގެ ހިތްތައް އީމާންކަމުގެ ނޫރުން އަލިކުރުމެވެ.

އިންސާނާއަކީ ކުށް ކުރެވޭ މަހުލޫގެއް ކަމުން އިންސާނަކަށް ކުށެއް ކުރެވުމުން އެ ހިސާބުން އޭނާ މުޅިން ހަލާކުވެ، ނެތިދާ އުސޫލެއް އިސްލާމީ ނިޒާމުގައި ރޭވިފައެއް ނުވެ އެވެ. ﷲގެ ރަހުމަތް އޭނާ އަށް ލިބެ އެވެ. ކާފިރުވާ މީހާ އަށް ވެސް އެ ރަހުމަތުގެ ސަބަބުން މިންޖު ވެވެން އޮވެ އެވެ. އެއީ ތައުބާ ވުމެވެ.

އެބަހީ ތައުބާވުމުގެ ދޮރު އަބަދުވެސް ވަނީ ހުޅުވިފަ އެވެ. އެ ދޮރު ބަންދު ވަނީ ހަމައެކަނި ކުށްތަކާއި ފާފަތަކުގައި އުމުރުގެ ދުވަސްތައް ދުއްވާލުމަށް ފަހު ތިމާގެ އަޖަލު ޖެހިއްޖެހެން ހީވީމާ އެ ހިސާބުން ދެން ތައުބާވާން އުޅޭ މީހުންނަށް އެކަންޏެވެ.

ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް ރައްކާތެރި ކުރުމަށް މިހާރު ދެން ނުކުޅެދިއްޖެ ކަމަށް ގަބޫލުކޮށް ވަލީއުލްއަމްރު ފަދައިން ދައުލަތުގެ ހުރިހާ ވެރީން ވެސް އަދި ސަރުކާރުގެ ބޮޓުން ވެސް އަމިއްލަ ނަފްސު އިސްލާހުކޮށް ކަލޭމެންގެ މާއްދީ ޖިސްމާއި ހައިވާނީ ޣަރީޒާތައް ދޫކޮށް ތައުބާވެ، ހެޔޮ މަގަށް ރުޖޫއަވާށެވެ. އަމާނާތްތެރިކަން ގެއްލިފައިވާ ނާގާބިލު ވެރީން ކަންކަމަށް އައްޔަނު ވެ ދިއުމަކީ ގިޔާމަތް ކައިރި ވެއްޖެ ކަމުގެ އަލާމާތެކެވެ. އިސްލާހުވާން އެދޭ ނަމަ ފުރުސަތު ނަގާ ނުލާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved