March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް އެމެރިކާއިން ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 02:56 AM
މާލެ ސިޓީ

ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމާ ގުޅިގެން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް މިއަދު ރާއްޖެއަށް ގޮވާލައިފިއެވެ.

Advertisement

ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ މަހު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލް ފާސްކުރި ފަހުން އެމެރިކާ އެމްބަސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިން ހިމެނޭ ގޮތަށް، އެންމެންނަށް ވެސް އަސާސީ މިނިވަންކަމެއްގެ ގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ.

މީގެ އިތުރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށާއި ފާޑުކިޔާ މީހުންނާއި އިދިކޮޅަށް ވެސް ފުރުސަތު ދިނުމަށް ރާއްޖެއާއި ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް އެމްބަސީގެ ޕޯސްޓުގައިވެއެވެ.

މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަމަށްވާއިރު، ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ އެމްޑީޕީ މެންބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައެވެ.

އެ ބިލާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އެ ޕެޓިޝަން ބޭރުކޮށްލަން ޕެޓިޝަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުތަކުން، ޕެޓިޝަނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިވާ ކަމަށް، ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމިޓިން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved