މަގުސަދަކީ މީޑިއާތައް ރެގިއުލޭޓް ކުރުންކަމަށްބުނެ ސަރުކާރުން މަޖިލީހަށް ހުށަހެޅި މީޑިއާ ބިލާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލާ އިހުތިޖާޖު ކުރީ ސަބަބުތަކެއް ނެތި ނޫނެވެ. އެ ބިލިުގައި ހިމެނި މާއްދާތަކުގެ ތެރޭ ސޯޝަލް މީޑިއާ ވެސް ހިމެނެއެވެ.
ނަމަވެސް މިކަން ދޮގުކޮށް، އެ ބިލު ފާސްކުރިއެވެ. ބިލު ފާސްވެ ގާނުނަކަށް ވެގެންދިޔައީ ވެސް އެހާ އަވަހަށެވެ. ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން މިކަން ކުރީ ރައީސްގެ އަގު ވައްޓާތީކަމަށް ބުނެއެވެ.
ނަމަވެސް ހަގީގަތަކީ އެޔެއް ނޫނެވެ. ރައީސްގެ އަގު ވައްޓަނީކީ ނޫނެވެ. ރައީސް އަދި ސަރުކާރުގެ އެހެން ބޭބޭފޫޅުންވެސް ކަންތައް ކުރައްވާ ގޮތުގެ ވާހަކަތައް މީޑިއާތަކުންނާއި އަމިއްލަ ފަރާތްތަކުން ރިޕޯޓުކުރަނީއެވެ.
އެގޮތް ކަމުނުދިޔައީއެވެ. ވާނީވެސް އެހެންތާ، ވެރިން ކުރާ އެފަދަ ނޭދެވޭ އަމަލުތައް ރައްޔިތުންނާ ހަމައަށް ގޮއްސިއްޔާ ދެވަނަ ދައުރަކަށް ވޯޓެއް ނުލިބޭނެއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލާފައި އައު ގާނުނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ގިނަ ބަޔަކު ކިޔަން ވެސް ފެށީ "ކޮންޓްރޯލް ކޮމިޝަން"އެވެ. މިނިވަން މީޑިއާ ނެތިކޮށްލުމަށް އުފެެއްދި އެ ކޮމިޝަނުގެ މަގުސަދަކީ މީޑިއާތައް އަޅުވެތިކޮށް، ސަރުކާރަށް ސަނާ ކިޔުއްވުމެވެ.
ކޮންޓްރޯލް ކޮމިޝަނުގެ ވާހަކަ މިއަދު ދައްކަން ޖެހުނު ސަބަބަކީ ވެސް އެ ކޮމިޝަނުން ކޮންޓްރޯލްކުރާތީއެވެ. ދާދި ފަހުން 'އަދަދު' ނޫހުގެ ސިޔާސީ ކާޓޫނު ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާކަަމަށެވެ. އެހެންކަމުން އެ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ވެސް އެ ކޮމިޝަނުން އެންގިއެވެ.
ސޯޝަލް މީޑިއާ ނުވަތަ އާންމުން އެ ދައުރުނުކުރަން ކޮމިޝަނަކަށް އިއުލާނެއް ނުކުރެވޭނެއެވެ. އެ ކޮމިޝަނަކަށް ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެއެވެ. އެފަދައިން އެންގި އެ އެންގުމަކީ ގާނޫނު އަސާސީއާވެސް ހިލާފު އެންގުމެކެވެ.
ކުރިން ޕީޖީ ލީޑަަރު އިބްރާހިމް ފަލާހާ ރައީސް މުއިއްްޒާ އެހެން ވެރިން ވެސް އެ ގާނޫނެއް ސޯޝަލް މީޑިއާއަކަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނި ބުނުން މިއަދު ދޮގަކަށްވެ ނިމިއްޖެއެވެ.
ދޮގު ފަޅައަރައިފިއެވެ. އުފެއްްދި ކޮމިޝަނުގެ މެމްބަރުންނަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފައި ބައިތިއްބަނީ މީޑިއާ ރެގިއުލޭޓު ކުރާކަށެއް ނޫނެނެވެ. މިީޑިއާތައް ކޮންޓްރޯލް ކުރުމަށްކަން މިއަދު ޔަގީނެވެ.