މުޅި ދުނިޔޭގައިވެސް ދިމާވެފައިވާ "އުނދަގޫ" ހާލަތެއް ކަމަށްވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަން ގަލަން ހިންގާލަން ބަލާއިރު، މި ސަރަހައްދުގެ އެންމެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އިންޑިއާގެ ހާލަތަށް ނަޒަރު ހިނގާލުން މުހިއްމެވެ.
2024 ވަނަ އަހަރާ 2025 ވަނަ އަހަރަށް ބަލާއިރު، ޕްރެސް ފްރީޑޮމް އިންޑެކްސްގައި އިންޑިއާގެ ދަރަޖަ ކުޑަކޮށް ކުރިއަށް ޖެހިލާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ދަރަޖަ ކުރިއަށް ޖެހިލުމުން ލިބުނު ނަސީބުގައެވެ. އެގޮތުން 2024 ވަނަ އަހަރު 159 ވަނައިގައި އޮތް އިންޑިއާ ވަނީ 151 ވަނަ އަށް 2025 ވަނަ އަހަރުގެ ރޭންކިންގައި ޖެހިލާފައެވެ. މިއާއެކު އިންޑިއާ އަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމެކޭ ބުންޏަސް ހަގީގަތަކީ އިންޑިއާއަކީ ގިނަ މީޑިޔާތަކާ ނޫސްތައް "ގަނެގެން" ހިންގާ ސަރުކާރެއް އޮންނަ ގައުމެއްކަމެވެ.
އެގޮތުން ހައްދު ފަހަނައަޅާފައިވާ ހިންދޫންއިންގެ ޕާޓީ ކަމަށް ބާރަތިޔަ ޖަނަތާ ޕާޓީގެ ސަރުކާރަކީ ހުރިހާ ނޫސްތަކަށް ފައިސާތީ އެމީހުން ޕްރޮމޯޓުކުރުމަށް ޚަބަރު ލިޔުއްވާ ސަރުކާރެކެވެ. ސަރުކާރަށް ސަނާ ކިޔުއްވާ ޚަބަރާ ރިޕޯޓުތައް ގެނުވަނީ އެ ނޫސްތަކާ މީޑިޔާތައް ސަރުކާރުގެ ފައިސާއިން ގަނެ ޖީބުތަކަށް ލައިގެން ތިބެއެވެ. އެހާ ހިސާބުން ރައްޔިތުންނަށް ފެންނަނީ އެ މީޑިޔާތަކުން ދައްކަމުން ދާ އަވާމެންދުރެވެ. ސަރުކާރާ ދެކޮޅަށް ޚަބަރު ގެެނސްދޭނަމަ ވަގުތުން އެ ނޫހަކަށް ނުވަތަ މީޑިޔާއަކަށް އެޕްރޯޗުކޮށް އެތަނެއް ނަރެންދްރަ މޯދީގެ ސަރުކާރުން ގަނެލައެވެ.
މިކަމަށްޓަކަށް ހަގީގަތް އެނގޭ އެ ގައުމުގެ ރައްޔިތުން ނުހަނު ފާޑުކިޔާ ނުރުހުން ފާޅުކުރެއެވެ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ގައުމުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާފައިވާ އިންތިހާއަށް ކޮރަޕްޓު ވެރިންތަކެއް ތިބި ސަރުކާރެކެވެ. އެކަންކަން ފޮރުވަން މީޑިޔާތައް ބޮޑު އަގުގައި ގަނެލަނީއެވެ. ނޫސްތަކުންނާ މީޑިޔާތަކުވެސް ނަފްސު ވިއްކާކަމަށް ބުނެ އިންޑިއާ ރައްޔިތުން ވަނީ ނޫސްވެރިންނަކީ ވެސް ނަފްސު ވިއްކާލާފައި ބައެއް ކަމަށް ބުނެފައެވެ.
ނަފްސު ގަނެ ވިއްކުމުގެ ވިޔަފާރިއަކަށް އިންޑިއާގައި ނޫސްވެރިކަން ވެފައިވާ ކަމަށް އެ ގައުމުގެ ރައްޔިތުން ތުހުމަތު ކުރާއިރު، އެއީ އުނގު މީޑިޔާތަކުގެ ގޮތުގައި ވެސް ސިފަކުރެއެވެ. އެގޮތުން " ގޯދީ މީޑިޔާ" ގެ ނަމުން ނަންދީ މީޑިޔާތަކުން ސަރުކާރުގެ އުނގަށް ވެއްޓިފައިވާ ކަމަށް ބުނެއެވެ.
ސަރުކާރު ޒިންމާދާރު ކުރުވމުގެ ބަދަލުގައި ޑިމޮކްރެސީގެ ހަތަރު ވަނަ ބާރުވެސް ސަރުކާރުގެ ރިޝްވަތަކަށް ހެއްލިފައިވާ ކަމަށް ތުހުމަތުކުރެއެވެ.
މިއަދު ދިވެހިރާއްޖެއަށް ވެސް ނަޒަރު ހިންގާލާއިރު ފެންނަނީ އެ މަންޒަރޭ ބުނަން ޖެހެނީ ހިތާމަޔާއެކުއެވެ. އަމިއްލަ އާއިލާގެ މެމްބަރުންގެ ކޮރަޕްޓު ވާހަކަ އަމިއްލަ ގަލަމުން ލިޔަންވުމުން ނުހަނު ހިތަށް އަސަރު ކުރެއެވެ. މީޑިޔާތައް ހިންގުމުގެ ނަމުގައި ފައިސާ ބަހަނީ މީޑިޔާތައް ގަނެލާ ޖީބަށްލުމުގެ މަގްސަދުގައޭ ބުނެ ކިޔާތި އަޑު އިވެއެވެ. ޗީޗީ އައްޗީޑިއެވެ. ލަދު ހުތުރެވެ. ލަދުން ބޯހަލެކެވެ. މީގެ ކުރިން މާއްދާ 27، 32، 52 ގެ ދިފާއުގައި ނުކުމެ މަގުތަކުގައި މުޒާހަރާ ކުރުމަށްފަހު ހިންގަވަނީ ޖަރީމާއެވެ.
މީީޑިޔާތައް ބޮޑު އަގުގައި ގަނެލަނީއެވެ. މިލިއަނުން މިލިއަނުން ފައިސާ ބަހަނީއެވެ. ލާރި ގޯނި ގޯނީގައި ބަހަނީއެވެ. ނޫސްވެރިންގެ ދުލާ ގަލަން ގަނެލަނީއެވެ. ރާއްޖޭގައި އޮތް މަދު ނޫސްވތަކަކާ މޑީޔާތަކެއް ފިޔަވައި މިއަދު ސަރުކާރުގެ އެ މަޅީގައި ޖެހި ނިމިއްޖެއެވެ. މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ރަހަ ނޫސްވެރިކަމުގައި އެބައި މީހުން ދެކެން ބޭނުންވަނީއެވެ. ނޫނީ އިންޑިއާ މީހުން ބުނާހެން ގޯދީ މީޑިޔާ (އުނގު މީޑިޔާ)ގެ ލަގަބު ބޭނުންވަނީއެވެ.
އިމެއް ނެތް މިންވަރަށް ނޫސްވެރިކަމުގެ މިނިވަންކަން ދޭނެ ކަމަށް ބުނެ އައިސް ފައިސާގެ ވައު ފަށަކުން ބަނދެލަނީ ތާއެވެ.
އިންޑިއާ މީހުން ގޯދީ މީޑިޔާ ކިޔާ އުޅޭއިރު އަހަރުމެން ދިވެހީން މިފަދަ ނޫސްވެރިންނާ ނޫސްވތަކާ އަދި މީޑިޔާ، ޓީވީ ސްޓޭޝަންތަކަށް ކިޔަންވީ ކޮން ނަމެއްބާއެވެ. މިކަން އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޫކޮށްލާނެމެވެ.