

މި އަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
މި މުބާރާތް ކުރިއަށް ދާނީ މިރެއިން ފެށިގެން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށްދާ ގޮތް ހިއްސާ ކުރައްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ (އޮޑިޓޯރިއަމް) ގައި ކަމަށެވެ. އަދި ނުބަލާ ކިޔެވުމުގެ ބައި ކުރިއަށް ދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާ (މަލްޓިޕާޕަސް ހޯލު) ގައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ މި މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ފަރާތަކުން ވާދަކުރާނެ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ.
މިއަހަރުގެ މި މުބާރާތަކީ ހާފިޒުންގެ ގޮފީގައި އެންމެ ގިނަ އަދަދަކަށް ބައިވެރިވެފައިވާ އަހަރު ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.