ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެއްވި ހުކުރު ޚުތުބާގައި، ހެޔޮ ގޮތުގައި ވިސްނާ ފިކުރުކުރުމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ބޮޑު ނިޢުމަތެއް ކަމަށާއި، އެއީ އެ އިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިވެ، ޤަދަރުކުރުން ކަމަށް ގޮވާލައިފިއެވެ.
މި ޚުތުބާގެ މައިގަނޑު މަޤްޞަދަކީ، އިންސާނުންނަށް ލިބިފައިވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެވެ.
ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތަކީ ވިސްނާ ފިކުރުކުރުމުގެ ބާރު، އެބަހީ ބުއްދިއެވެ. މި ބުއްދީގެ ސަބަބުން ހެޔޮ ނުބައި ވަކިކުރެވޭނެކަމަށާއި، ދިރިއުޅުމުގެ ކަންކަމުގައި ރަނގަޅު ގޮތްތައް އިޚްތިޔާރުކުރެވޭނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ލޮލުގެ ނިޢުމަތަށް ޝުކުރުވެރިވުމަކީ، ލޮލުގެ ބޭނުން ހިފަންޖެހޭ ގޮތުގައި އެ ގުނަވަނުގެ ބޭނުން ހިފުން ކަމުގައި ވެސް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ޚުތުބާގައި ވަނީ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ. މިގޮތުން، ކަނޑާއި ވައިގެ ދަތުރުތައް ދުއްވާ މީހުންނާއި، މަގުތަކުގައި ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކަށާއި، ދުއްވަންވީ ބާރުމިނާއި، ޓްރެފިކް ލައިޓުތަކަށާއި، ޓްރެފިކް ޕޮލިހުންގެ އިރުޝާދުތަކަށް ތަބާވުމަކީ އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
އަދި މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ވެސް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ކުރީ ޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ތަކެއްޗާއި، މިހާރުގެ ތަކެއްޗަށް ބޮޑު ތަފާތެއް ހުރި ނަމަވެސް، ޓްރެފިކް ގަވާއިދުތަކެއް އޭރުގައި ނެތަސް، އޭރު ވެސް މަގު ހިނގާ މީހުންގެ ޙައްޤުތަކާއި، ދުއްވާ މީހުންގެ ޙައްޤުތަކަށް އިހްތިރާމްކޮށް، އެކަންކަން ބެލެހެއްޓިއެވެ.
ނަމަވެސް، މިއަދު ދަތުރުފަތުރު ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، ޓްރެފިކް ގަވާއިދުތައް ވެސް ވަނީ އެކުލަވާލެވިފައެވެ. ޚުތުބާގައި ބުނެފައިވަނީ، ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ވެސް އެކި ބާވަތުގެ ގެއްލުންތައް ލިބިދާނެ ކަމަށެވެ.
ވުމާއެކު، އަމިއްލަ ނަފްސާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި، މާތް ﷲ ދެއްވި ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކޮށް، ދަތުރުފަތުރުގެ ހުރިހާ ގަވާއިދުތަކަށް ބޯލެނބުމަށާއި، މަގުމަތީގެ އަދަބުތައް ރައްކާތެރިކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.