March 18, 2026
Advertisement
ޚުތުބާގެ ތެރެއިން
ޚުތުބާގެ ތެރެއިން / ސޯޝަލް މީޑިއާ

މުސްލިމުންނަކީ އިޤްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާން ޖެހޭ: ހުކުރު ޚުތުބާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 12, 2025, 06:04 PM
މާލެ ސިޓީ

މުސްލިމުންނަކީ އިޤްތިސާދީ ގޮތުން ފުދުންތެރި އަދި މަސައްކަތްތެރި ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. "މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!" މި މައުޟޫގެ މައްޗަށް ދެވުނު ޚުތުބާގައި ބާރު އަޅާފައިވަނީ އިސްލާމްދީނުގައި ޙަލާލު ގޮތުގައި އާމްދަނީ ހޯދައި، ދުނިޔެ އާރާސްތުކުރުމުގެ މުހިންމުކަމަށެވެ.

Advertisement

ޚުތުބާގައި ބުނެފައިވަނީ، އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެއް ކަމުގައިވާއިރު، އިންސާނުންގެ ދިރިއުޅުމަށްޓަކައި ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. މިގޮތުން، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވަނީ ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކަމަށާއި، ރިބާއާއި ޖުވާ ފަދަ ޙަރާމް މުއާމަލާތްތަކުން ދުރުހެލިވުމަށް ވަނީ ހަނދާންކޮށްދީފައެވެ. އިންސާނުންނަށް ތަކެތި އުފެއްދުމަށްޓަކައި ﷲ ތަޢާލާ ލައްވާފައިވާ ނިޢުމަތްތަކާއި އާލާތްތަކުގެ ބޭނުން ހެޔޮ ޙަލާލް ގޮތުގައި ހިފުމަށްވެސް ޚުތުބާގައި ގޮވާލިއެވެ.

މީގެ އިތުރުން، ދަނޑުގޮވާންކުރުމާއި މަސްވެރިކަން ކުރުމަކީ ދަށު ދަރަޖައިގެ މަސައްކަތްތަކެއް ނޫން ކަމަށާއި، ދުނިޔެއަށް ފޮނުއްވުނު އެންމެ މާތް ބޭކަލުން ކަމަށްވާ ރަސޫލު ނަބީންވެސް މި މަސައްކަތްތައް ކުރެއްވިކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި އެ މީހެއް އަތުން ކުރާ މަސައްކަތަށް ވުރެ ހެޔޮ އެއްޗެއް ނުވާކަމަށް ރަސޫލާގެ ސުންނަތުން ސާބިތުވާކަންވެސް ބަޔާންކުރިއެވެ. ޚުތުބާގައި ވަނީ، އިސްލާމްދީނަކީ އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރަން އަންގަވާ ދީނެއް ކަމަށާއި، މިކަމުގައި މުސްލިމުން ލަދުވެތިވެގެންނުވާނެ ކަމަށް ބުނެފައެވެ.

ނަމަވެސް، މަސައްކަތް ކުރުމުގައި ދިވެހިން ކަންނެތްވެ، އިގްތިސާދީ ކަންކަމުގައި ބިދޭސީންގެ އަތްތަކަށް ބަރޯސާވެފައިވާ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. ދިވެހިންގެ މައި ލޭނާރު ކަމަށްވާ މަސްވެރިކަންވެސް ބިދޭސީން ކޮންޓްރޯލްކޮށްފައިވާއިރު، އެހެނިހެން ސިނާއަތްތަކުގައިވެސް ދިވެހިން ހީވާގިވެ އުޅޭތަން ނުފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved