ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުގެ ހަރަދު ރައީސް އޮފީހުން އަދިވެސް ހާމަނުކުރެއެވެ.
މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ އޮގަސްޓު 30، އިން ސެޕްޓެމްބަރު 4، އަށެވެ. 15 ދުވަސް ތެރޭ ހާމަކުރަން މި ސަރުކާރުން ވައުދުވެފައިވާ ތަފުސީލުތައް މިހާތަނަށް ހާމަނުކުރާއިރު، ޗައިނާއިން ވަޑައިގެންނެވިތާ މިއަދަށް 17 ދުވަސް ވާނެ އެވެ.
ދަތުރުތަކުގެ ހަރަދު އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ޑިސެމްބަރު 2، 2023 ގައި ވިދާޅުވި ނަމަވެސް ޗައިނާ ދަތުރާއި އެކު އެންމެ ފަހުން ގައުމުން ބޭރަށް މުއިއްޒު ކުރެއްވި ހަތަރު ދަތުރުގެ ހަރަދު ވެސް ރައީސް އޮފީހުން މިވަނީ ސިއްރުކޮށްފަ އެވެ.
މި އަހަރު ތެރޭގައި މުއިއްޒު ވަނީ ހަ ދަތުރެއް ކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުރާއި ސިންގަޕޫރު، މެލޭޝިއާ، ޗައިނާ، އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރެވެ. މީގެތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާވެސް އެކުގަ އެވެ.
މުއިއްޒުގެ އިތުރުން ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ.
އިގްތިސާދީ ގޮތުން ހީނަރު ދުވަސްވަރެއްގައި ކުރައްވާ މިފަދަ ދަތުރުތަކުގެ ތަފްސީލު ސިއްރު ނުކޮށް ރައްޔިތުންނަށް ހާމަކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ.