ކައުންސިލަރުން ރައީސް އޮފީސް ކުރިމަތީގައި / އަދަދު
ހަބަރު
ރައީސް އޮފީހަށް ތަކުރާރުކޮށް ފޮނުވި އީމެއިލް ތަކަށް ޖަވާބު ނުލިބުމުން ކައުންސިލަރުން ރައީސް އޮފީހަށް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
27 މޭ 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އިޖާބަނުދެއްވުމުން، ކަންބޮޑުވުންތައް ހިމަނާފައިވާ ސިޓީއެއް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނުން ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

ލޯކަލް ކައުންސިލްސް އެސޯސިއޭޝަނުން ރައީސް ޑރ.މުއިއްޒު އާއި ބައްދަލު ކުރައްވަން އެދިވަޑައިގަތީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ކަންބޮޑުފާޅުކުރުމުގެ ގޮތުންނެވެ. އަދި ރައީސް އޮފީހަށް ގޮސް ސިޓީއެއް ހުށަހަޅަން ޖެހުނީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ކައުންސިލްތަކާ ވެސް އަދި ރައްޔިތުންނާ ވެސް ސަރުކާރުން މަޝްވަރާ ނުކުރާތީ ކަމަށް ވެއެވެ.

އެމްއެލްސީއޭގެ ޗެއާޕާސަން، އަދި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) އާ ހަވާލާދީ އަދަދު ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި ރައީސް އޮފީހަށް އާއްމުގޮތެއްގައި އެބޭފުޅުން ފޮނުވަނީ ސިޓީކަމަށާއި، އެހެން ނަމަވެސް އީމެއިލް މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދުމުންވެސް ރައީސް އިޖާބަ ނުދެއްވާ ކަމަށެވެ. އަދި މިއާއިއެކު ވިދާޅުވެފައިވަނީ އީމެއިލްއަށް ޖަވާބު ނުލިބޭތީ ލިބުނު ކަމެެއް އަދި ނުލިބޭ ކަމެއްވެސް ޔަގީން ނުވާތީ ސިޓީ ހުށަހަޅަން މަޖުބޫރުވީ ކަމަށް ވެސް ބުނެފައިވެއެވެ.

ސަރުކާރުން ލާމަރުކަޒީ އުސޫލަށް ގެންނަމުންދާ ބަދަލުތަކަކީ ވަރަށް ކަންބޮޑުވާ ބަދަލުތަކެއް ކަން ފާހަގަކޮށް ބަޝީރު ވިދާޅުވެފައި ވަނީ، ކައުންސިލްތަކުގެ މުދަލަށް ބަދަލު ނުދީ އެ މުދާ ދައުލަތަށް ނެގޭނެ ގަވާއިދެއް އެކުލަވާފައި ވާކަމަށެވެ. މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބަޝީރު ވަނީ ވިދާޅުވެފައެވެ. އަދި މިނޫނަސް ކަންބޮޑުވާ އެތައްކަމެއް ހުރި ކަމުގައި ވެސް ބަޝީރު ވިދާޅުވެފައިވެއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރަން އެދިފައިވާނެ ކަމުގައި އެމްއެލްސީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް، އަހުމަދު އަފްރާހު ވަނީ ވިދާޅުވެފައެވެ. މި އެދުމަކީވެސް އީމެއިލްގެ ޒަރިއްޔާއިން އެދުނު އެ އެދުމަށް ވީއިރު މިއަދާ ހަމައަށް ވެސް ރައީސްގެ ފަރާތުން އިޖާބަދެއްވާފައި ނުވާކަން އޭނާ ވަނީ ފާހަގަކުރެއްވާފައެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކާއި އެ ނިޒާމާ ގުޅުވައި ރައީސް މުއިއްޒު ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށާއި، ބައެއް ކައުންސިލަރުން މަސައްކަތެއް ނުކުރައްވައި މަހަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved