

ގްރިން ބިލްޑިންގް އަނދައިގެން ދިޔުމުން ރިޕޯޓުތައް ގެއްލިއްޖެ ކަމަށް ބުނާ ބުނުމަކީ އެކްސްކިއުޒެއް ކަމުގައި އެ ރިޕޯޓު ހޯދަން އެދުނު ފަހި ޔޫނިއަންގެ ފަރާތުން ބުނެފިއެވެ.
ފަހި ޔޫނިއަންގެ ފަރާތުން މިފަދައިން ބުނެފައިވަނީ އެ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑު އެހުމުގައެވެ.
މި މައްސަލައަކީ 17 އޮގަސްޓް 2024 ގައި ހުށަހަޅާފައިވާ ޝަކުވާ އެއްގެ މައުލޫމާތު ނުލިބުމާއި ގުޅިގެން 8 އެޕްރީލް 2025 ގައި އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއެއްގެ މައްސަލައެވެ.
މައުލޫމާތު ހޯދަން އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމް ދަށުން ރައީސްޑރ މުހައްމަދު މުއިއްޒު ކޮމެޓީއެއް އައްޔަންކޮށްފައި ވާތީ އެ ކޮމެޓީން ކުރި މަސައްކަތުގެ ތަފްސީލާއި ކޮމެޓީން ނިންމި ރިޕޯޓާއި ދައުލަތުން ކޮމެޓީ މެންބަރުންނަށް ފައިސާގެ ގޮތުގައި ހޭދަކުރި މިންވަރުގެ ރިޕޯޓު ހޯދުމަށެވެ.
އިންފޮމޭޝަން ކޮމެޓީން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްތްރަކްޗާގެ ފަރާތުން ކޮންފަރެންސްގައި ބައިވެރިވި ބައިވެރިންނާއި މިސުވާލު ކުރުމުން އެކަށީގެން ވާ ޖަވާބެއް ލިބިފައި ނުވެއެވެ. އެފަރާތުން ބުނާ ގޮތުގައި ގްރީން ބިލްޑިންގެ މި ހާދިސާގައި އެބޭފުޅުންގެ ސާވާގައި ހުރި މައުލޫމާތުތައް ރިކަވަރ ނުކުރެވޭ ކަމަށެވެ. އަދި ސާވާ ނޫން ތަނެއްގައި މި މައުލޫމާތު ރައްކާކުރެވިފައި ނުހުންނާނެ ކަމަށެވެ.
މި މައްސަލާގައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީން ނިންމާފައިވާ ރިޕޯޓެއް ރައީސް އޮފީހުގައި އޮންނަން ޖެހޭނެ ކަމަށެވެ. ހައުސިންގ މިނިސްޓްރީ އަނދައިގެން ދިއުމަކުން ރައީސުލްޖުމްހުރިއްޔާ އޮފީހުގައި ހުރި ރިޕޯޓްތަކެއް ނާނދާނެ ކަމަށާއި ފަހި ޔޫނިއަން ފަރާތުން ރައިސް މުއިއްޒު އާއި ބައްދަލުކުރުމުން ވެސް އެ ރިޕޯޓް ރައީސް އޮފީހަށް ލިބިފައި ވާކަމަށް އޭރު މައުލޫމާތު ދީފައި ވާކަމުގައި ބުނެފައިވެއެވެ.
އެހެންކަމުން ހައުސިން މިނިސްޓްރީ އަދި ރައިސް އޮފީހުގައި މި ރިޕޯޓްތައް ނެތް ކަމަށް ބުނާ ވާހަކައަކީ ބުއްދި ސަލާމަތުން ހުރި މީހަކު ޤަބޫލު ކުރާނެ ވާހަކައެއް ނޫން ކަމުގައި ފަހި ޔޫނިޔަންގެ މެންބަރު ވަނީ ފާހަގަކޮށްފައެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރަކީ ހާމަކަން ބޮޑުކޮށް، އެއްވެސްކަމެއް ރައްޔިތުންނަށް ސިއްރުކުރުމަކާ ނުލާ ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި ފަރާތްތަކުން ހޯދަން އެދޭ މައުލޫމާތު ވެސް ނުލިބި ގިނަ ފަހަރު އައިކޮމްއަށް މައްސަލަ ހުށަހަޅާ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަން ފާހަގަކޮށްލެވެއެވެ.