

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި އެއް ހާސް ބައިވެރިން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންނާއި ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.
މި ކޮންފަރެންސް އިޢުލާން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަމާޒަކީ 2026 ގައި އެކަން ޙާޞިލްވުންކަމަށާއި މިވަގުތާ ހަމައަށް 500 ޒުވާން ޚަޠީބުން ދަސްވެނި ވެފައިވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރުގައި، ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމް ކަން ފާހަގަކޮށްލެވެއެވެ. އަދި ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއްވެސް ފަށާފައިވެއެވެ.