

އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމްކަމުގެ ނިޢުމަތްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފިއެވެ.
"ދީން ރައްކާތެރިކުރުން" މި މައުޟޫއަށް އިއްވި ހުތުބާގައި ވިދާޅުވީ، މާތް ﷲ، އިންސާނުން މި ބިމުގައި ހަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށް ޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވެވި ކަމަށާއި މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީން ކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި ރަސޫލާ އެންމެހައި މީސްތަކުންނަށް، ﷲގެ ހަޟްރަތުން ގެނެސް ދެއްވި ދީނަކީ ވެސް އިސްލާމް ދީން ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.
ހުތުބާގައި ވިދާޅުވީ، އިންސާނުންނަށްޓަކައި މާތް ﷲ ހިޔާރުކުރެއްވި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ސައްހަ ޢަގީދާ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަހުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
އަހަރެމެންގެ ދީނީ ޝަހުސިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިއާރެކެވެ. އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެ ކަމަށާއި، އެ މީހުންގެ ދީނީ އިހުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަހުސިއްޔަތު ހަލާކުވެދާނެ ކަންކަން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ މަނާ ކުރައްވާފައި ވާކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމްކަމުގެ ނިޢުމަތް ކަމަށާއި އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ ނުވަސަތޭކަ ވަރަކަށް އަހަރު، އަހަރެމެންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާއުކޮށް ޖިހާދުކޮށްގެން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން އަންނާންއޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެން ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.