

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ކުންފުނިތަކާއެކު، ކުރީގެ ސަރުކާރުން 92 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ފެނަކައާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައެވެ. އެ ރިޕޯޓުގައިވާ ގޮތުގައި، ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 އާއި ހަމައަށް އެކުންފުނިން ބޮޑެތި ވައްކަން ކޮށްފައިވާ ކަމަށާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
އެގޮތުން ދަލާއި ހިދުމަތް ހޯދުމާއި ގުޅޭ ގޮތުން، ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާނެހެންނާއި، ބީލަމުގެ އުސޫލުން ބޭރުން މުދަލާއި ހިދުމަތް ދިނުމަށް ފައިސާ ހޭދަކޮށްފައިވާކަން ވެސް ހާމަވެފައިވެއެވެ. އެގޮތުން ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އާއިލާއަށް މަންފާ ގޮތަށް، ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށް ފައިސާގެ ބޮޑެތި އަދަދުތަކުން ދޫކޮށްފައިވެއެވެ.
އޭގެ ތެރޭގައި ސައީދުގެ އާއިލީ ގުޅުން ހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔާލަށް 92 އެއްބަސްވުމުގެ ދަށުން ޖުމްލަ 49،778،099 ރުފިޔާގެ މަސައްކަތް ހަވާލުކޮށް، އެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 31،124،418 ރުފިޔާ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ފެންނަން އެބައޮތެވެ.
މީގެ ތެރޭގައި ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏަކާއި ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ޅިޔަނުގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމުގެ ދަށުން ހަވާލުކުރި މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރަށް ވެސް ސައީދު އާއި ގުޅުން ހުރި ވިޔަފާރިތަކާއެކު އެ ކޯޕަރޭޗަނުން ހެދި ވަކިވަކި އެއްބަސްވުންތަކުގެ އަގަށް ބަލާއިރު، މި އެއްބަސްވުންތަކުގެ ތެރެއިން 25 އެއްބަސްވުމެއްގެ ދަށުން ހޯދަން ޖެހޭ 20،474،511 ރުފިޔާގެ މުދަލާއި ހިދުމަތަކީ ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ ގަވާއިދުގެ ދަށުން، އާންމު ބީލަމުގެ އުސޫލުން ހޯދަން ޖެހޭ މުދަލާއި ހިދުމަތް ކަމަށްވީ ނަަމވެސް ، އެ އެއްބަސްވުންތަކުގެ ދަށުން މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް ސައީދު އާއި އާއިލީ ގުޅުން އޮތް ވިޔަފާރިތަކާ ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރު ޑައިރެކްޓް ޕާޗޭސް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ފަރާތް ކަނޑައަޅައިގެންކަން ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓް ބުނާގޮތުން އާއްމު ބީލަމުގެ ބޭރުން ދީފައިވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ބޮޑު އެއްޗެއް ދީފައިވަނީ "ސާސޭ" ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ހަވާލުކުރި އަށް މަސައްކަތެއްގެ އަގު 149 މިލިއަން ރުފިޔާއަށް އަރައެވެ. ދެވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ އެމްވީސް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ދީފައިވާ މަސައްކަތްތަކުގެ އަގު 130 މިލިއަނަށް އަރައެވެ. ތިންވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ އަޒްރާވޯ ކިޔާ ކުންފުންޏަކަށެވެ. އެއީ 107 މިލިއަން ރުފިޔާގެ މަސައްކަތެވެ. ހަތަރުވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ޓޫއޭ ކޮމްޕެނީއަށެވެ. އެއީ 101 މިލިއަން ރުފިޔާގެ މަސައްކަތެވެ. މިހެން ގޮސް 62 ކުންފުންޏަކަށް އެތައް ޕްރޮޖެކްޓެއް ވަނީ ދީފައެވެ.
މީގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކުންފުނިތައް ހިމެނެއެވެ.
އޮޑިޓާ ޖެނެރަލް ވަނީ މިފަދަ ގޮތްގޮތަށް ޚަރަދުކުރުމަކީ ވަކި ފަރާތަކަށް މާލީ ފައިދާ ހޯދައި ދިނުން ކަމަށް ބެލެވޭތީ މިކަންކަން އިސްލާހުކުރުމަށާއި އިހުމާލުވެފައިވާ މައްސަލަތައް ތަހުގީގުކުރަން އަންގަވައިފައެވެ.