ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މައްސަލަތައް ހުންނަ ވާހަކައަކީ ދައްކާ ދައްކާ ނުނިމުނު ވާހަކައެކެވެ. ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ އެކަމުގެ އަޑު ގަދަވަމުން ދާއިރު ކުރިން ފައިދާގައި ހިންގަމުން އައި ކުންފުނިތައް މިއަދު ގެއްލުމުގައި ހިންގަމުންދާ މަންޒަރުވެސް ފެންނަން ފަށައިފިއެވެ.
އެގޮތުން ހިންގުންތެރި ކަމެއްނެތް ސަރުކާރުގެ ކުންފުނިތަކުގެ މައްސަލަ ބޮޑުވެފައިވާއިރު މިކަމުގެ ޒިންމާ ވެސް ނަގާނެ މީހަކު ނެތޭ ބުންޏަސް ދޮގަކަށްވެ ނުދާނެއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރަން ކަމަށް ބުނެ ވައުދުވުމަށް ފަހުގައެވެ. އެހެން ނަމަވެސް ކަން ވަނީ ދިމާ އިދިކޮޅަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު އެގޮތް މިގޮތަށް ދަމުން ގޮސް، މިހާރު ބައެއް ކުންފުނިތައް އޮތީ ބޮޑު އަނދަވަޅެއްގައެވެ.
ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް އުފައްދާފައިވާ ކުންފުނިތައް މިއަދު ވެފައި ވަނީ މާލީ ގޮތުން މުޅި ގައުމަށް ބޮޑެތި ގެއްލުން ދޭ ތަންތަނުގެ ގޮތުގައެވެ. އެއްވެސް ޖަވާބުދާރީވުމެއް ނެތި، މި ކުންފުނިތައް ހިންގަމުންދާ ގޮތާއި، ހިންގުންތެރިކަމުގައި ހުރި ދޯހަޅި ކަން މި ފަހުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެންމެ ފަހުގެ ރިޕޯޓުން ވެސް އެނގިގެންދިޔައެވެ. މި ވާހަކަތައް ދެއްކީމަ ދައްކާ މީހާ ރައިސް މުހައްމަދު މުއިއްޒު ވެސް ގޯސްކުރާނެއެވެ.
އެހެންނަމަވެސް ޕީސީބީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެސްއޯއީ ތަކަށް ލިބިފައި ވަނީ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ޕީސީބީ ގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރީގެ އެމްޑީޕީގެ ސަރުކާރުގައިވެސް ތިން ފަހަރެއްގެ މަތިން ތިޖޫރީ ފަޅާލައި، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އައިލެންޑް އޭވިއޭޝަނަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިކަމަށް ވެސް ޕީސީބީ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ތިން ވަނައަށް ވެސް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށެވެ. އެގޮތުން ތިން ވަނަ އަށް އެންމެ ބޮޑަށް ގެއްލުން ވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ފުރަތަމަ ކުއަރޓަރުގައި ލިިބިފައި ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. މީގެ ކުރިން ފައިދާގެ ރިކޯޑުތަކާއެކު ހިންގަމުން އައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވެސް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ. އެމްޓީސީސީ އަށް 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުންޏަށް 17.55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ގެއްލުންތައް ލިބެމުންދާ ސަބަބުތައް ހޯދައި، ކުންފުނިތައް ޖަވާބުދާރީ ކުރުވެން ވެސް ޖެހެއެވެ. އެހެން ނަމަވެސް އެކަން ކުރުމުގައި ވެސް މިއަދު ސަރުކާރުން މި ވަނީ ފެއިލް ވެފައެވެ. ޕީސީބީގެ ރިޕޯޓުން ހާމަވާ ގޮތުގައި، ގައުމުގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ އެޗްޑީސީ، އެމްޕީއެލް، ސްޓެލްކޯ، ފެނަކަ، އަދި އާރްޑީސީ ފަދަ ކުންފުނިތަކުން ވެސް 2024 ވަނަ އަހަރުގެ އޮޑިޓް ނިންމާފައެއް ނުވެ އެވެ.
މީގެން ބައެއް ކުންފުނިތަކަކީ 2022 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް އޮޑިޓެއް ކޮށްފައިވާ ނުވާ ކުންފުނިތަކެވެ. މި ކުންފުނިތައް އޮޑިޓް ނުކޮށް އަހަރުތައް ފާއިތުވެފައިވާއިރު މިއީ ކުންފުނިތަކުގެ ކޮރަޕްޝަނާއި ނާގާބިލުކަން ފޮރުވަން ކުރިކަމެއްކަން ބެލެވެއެވެ.
ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން ވައްދާ ވައްކަމުގެ ބޮޑު ހާއްޔަކަށް ހަދައިގެން ވެރިން ތިބީ ދެއަތް ޖެހުމުގައެވެ.