March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

24 ގަޑިއިރު ތެރޭ 38 ފަހަރު ކަރަންޓު ކެނޑި ކެންދޫ ރައްޔިތުން ބޮޑު ތަކުލީފެއްގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 18, 2026, 04:13 AM
މާލެ ސިޓީ

ބ. ކެންދޫގެ އެކި ސަރަހައްދުތަކުން މިދިޔަ 24 ގަޑިއިރު ތެރޭގައި 38 ވަރަކަށް ފަހަރު ކަރަންޓުގެ ހިދުމަތް ކެނޑި، އެ ރަށުގެ ރައްޔިތުން ބޮޑު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

Advertisement

ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއް ރަހްމާން ވިދާޅުވީ އެ ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދާތީ، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 38 ވަރަކަށް ފަހަރު ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މިގޮތަށް ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދާ ސަބަބެއް، ރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ސާފުކޮށްދީފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީބައިގައި އެއްވެސް އެންގުމެއް ނެތި ކަރަންޓު ކަނޑަމުންދާތީ ގޭގޭގައި ހުރި އަގުބޮޑު ކަރަންޓު ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް މާލީ ގޮތުންނާއި ދިރިއުޅުމުގެ ކަންކަމުގައި އިންތިހާ ދަތިތަކެއް ކުރިމަތިވަމުންދާކަން އެރަށު ރައްޔިތުން ފާހަގަކުރެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަ އިންތިހާއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ރައްޔިތުންނަށް މިފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރުވެސް، ސަރުކާރުގެ ފަރާތުން މި މައްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ނުދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ކެންދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މި ހިތްދަތި ހާލަތަކީ، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް އިންތިހާ ގެއްލުން ލިބެމުންދާއިރު، މިއަށްވުރެ ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved