

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެމްބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މީހުން ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
ފެނަކަ ކޯޕަރޭޝަންގެ 2021 - 2023 ގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން އެކި މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް އެކުންފުނިން ޖަމާކޮށްފައިވެއެވެ.
އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން ނަގާފައިވާ ޕްރޮޖެކްޓު މެނޭޖަރުންގެ އެކައުންޓްތަކަށް ޕެޓީ ކޭޝްގެ ގޮތުގަ އެވެ.
އޮޑިޓް އޮފީހުން ބުނީ ޕެޓީ ކޭޝް ރީއިމްބާސް ކުރަން ހުށަހަޅާ ރިޕޯޓުގައި ހިމެނޭ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ހަރަދުކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ޕެޓީ ކޭޝް ބޭނުންކޮށްގެން ކުރާ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކުރި ހަރަދެއްކަން ނޭނގޭ ކަމަށާއި އެ ފައިސާއިން އަމިއްލަ ބޭނުންތަކަށްވެސް ހަރަދުކޮށްފައި ހުރެދާނެކަމަށް ބެލުމުގެ ޖާގަ އޮތްކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.
އޮޑިޓް ކުރި މުއްދަތުގައި ނަގުދު ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ރިޕޯޓާއި ބިލު ވެސް ލިބިފައިނުވާކަން އޮޑިޓުން ހާމަވެފައިވެ އެވެ.
މި މުއްދަތުގައި އެމްޑީ ބިއުރޯއިން ޕެޓީ ކޭޝްގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ހޭދަކުރި އިރު އޭގެ ތެރެއިން 800،000ރ. ހަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އޮޑިޓަރުންނަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
ފެނަކައިން 2021 ހުން 2023 އަށް ހިންގި ޕްރޮޖެކްޓުތަކުގެ ތެރެއިން 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ސީދާ ކޮން ޕްރޮޖެކްޓުތަކަކަށް ކަންވެސް ޔަގީންނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް އޮފީހުން ބުނީ، ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ވަގުތީ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަމުން ދިއުމަކީ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
މި މައްސަލަތަކުގެ އިތުރުން ސީރިއަސް އެތައް މައްސަލައެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، އޮޑިޓްގެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވާލުމެއްނެތި، އުސޫލުން ބޭރުންކަން ފާހަގަކުރެވެއެވެ.