

ތަކެތީގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށް ދާން ފަށައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ ތަކެތީގެ އަގުތަކަށް އައި ބަދަލުތަކާއެކު އެ މަހު ޖުމުލަކޮށް ތަކެތީގެ އަގުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 4.14 ޕަސެންޓް ބޮޑުވެފައެވެ.
އެގޮތުން ވަކިވަކި ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރަށް ވުރެން މިއަހަރުގެ އޮގަސްޓް މަހު ވަނީ 4.58 ޕަސެންޓް ބޮޑުވެފައެވެ. އަދި އެއީ މިއަހަރުގެ ޖުލައި މަހަށް ވުރެން ވެސް 1.60 ޕަސެންޓް ބޮޑުވުމެކެވެ.
ދިވެހީން އާއްމުކޮށް ކެއުމުގައި ބޭނުންކުރާ މަހުގެ ބާވަތްތަކަށް ބަލާއިރު އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.06 ޕަސެންޓް ބޮޑުވެފައެވެ. އަދި ޖުލައި މަހަށް ވުރެން 3.24 ޕަސެންޓް ވަނީ ބޮޑުވެފައެެވެ.
ސާފުތާހިރުވުމަށާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 2.39 ޕަސެންޓް އިތުރުވެފައެވެ. އަދި މި އަހަރުގެ ޖުލައި މަހަށް ވުރެން 0.13 ޕަސެންޓް ވަނީ ބޮޑުވެފައެވެ.
ދުންފަތާއި ދުފުން ފަދަ ބާވަތްތަކުގެ އަގުތައް ވެސް އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 108.46 ޕަސެންޓް ބޮޑުވެފައެވެ. އަދި މިދިޔަ ޖުލައި މަހަށް ވުރެން ވަނީ 0.12 ޕަސެންޓް ބޮޑުވެފައެވެ.
ގޭގޭ ކުއްޔާއި ފެނާއި ކަރަންޓް ބިލްގެ ބަޔަށް ބަލާއިރު އޮގަސްޓް މަހު އެ ބައިގެ އަގުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 2.94 ޕަސެންޓް ދަށް ވެފައެވެ. އަދި މި އަހަރުގެ ޖުލައި މަހަށް ވުރެވެސް ވަނީ 0.33 ޕަސެންޓް ދަށް ވެފައެވެ.
ރެސްޓޯރެންޓްތަކާއި އެކޮމެޑޭޝަން ޚިދުމަތްތަކުގެ އަގުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އަގު 5.40 ޕަސެންޓް ބޮޑުވެފައެވެ. އަދި މިއަހަރުގެ ޖުލައި މަހަށް ވުރެން ވަނީ 0.02 ޕަސެންޓް ބޮޑުވެފައެވެ.
އަގު ދަށްވި ކަންކަމަށް ބަލާއިރު މުއާސަލާތީ ޚިދުމަތުގެ އަގު އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.84 ޕަސެންޓް ދަށް ވެފައެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ވުރެން އެ ދާއިރާއިން ވެސް އަގު ވަނީ 0.14 ޕަސެންޓް މަތިވެފައެވެ.
ރާއްޖެއަށް މުދާ އެތެރެ ކުރަން ބޭނުން ކުރާ ޑޮލަރުގެ އަގު ބްލެކް މާކެޓުގައި 20 ރުފިޔާއިން މައްޗަށް އަރާފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ތަކެތީގެ އަގުތައް ބޮޑުވަނީ, ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.