
ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ހާމަކޮށްފިއެވެ.
އޭޑިބީއިން މިފަދައިން ހާމަކޮށްފައިވަނީ، ރާއްޖެވެސް ހިމެނޭހެން އޭޝީއާގެ ގައުމުތަކަށް އަމާޒުކޮށް އެ ބޭންކުން އެކުލަވާލި، އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ގައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މި އަހަރު ދެކުނު އޭޝިއާގެ އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 2.9 ޕަސެންޓްގައެވެ. ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތަކެތީގެ އަގު މި އަހަރު ފަސް އިންސައްތަ އުފުލި، އިގުތިސާދީ ދުވެލި ކުރިއަރާނީ އެއް އިންސައްތަ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.
އެއާއެކު ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭޑީބީން ވަނީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައި ކަމަށް ލަފާކޮށްފައެވެ. އެއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
އޭޑީބީން ވަނީ މި ސަަރަހައްދުގައި ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީކަން ފާހަގަކޮށްފައެވެ










