

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކުރައްވައި، އެ މަނިކުފާނަށް ދައުލަތުން ދެމުންދާ ހުރިހާ އިނާޔަތްތަކެއް ކަނޑާލަން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ގޮވާލައިފިއެވެ.
ސައީދު މިހެން ބުނެފައިވަނީ ފުލުހުން ރޭގެ އެއްވުން ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރެއްވި ކަމަށް ސޯލިހް ވިދާޅުވެފައިވާތީ އާއި އެއްވުމުގެ ތެރެއިން އެމްޑީޕީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނީ މާ ކައިރިން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުންނާއި ބާރުގަދަ އަޑެއް ފޮނުވާލާ ޑިވައިސް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުގެ ސަބަބުން ކަމަށް ވިދާޅުވީމައި ކަމަށެވެ.
ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2018 އިން ފެށިގެން 2023 އަށް ޞާލިޙްގެ ވެރިކަމުގައި ޕީޕީއެމްގެ މައި އޮފީސް ތަޅުއަޅުވައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ބޭންދީ ޖަލުގައި ކަމަށެވެ.
އޭނާ ވަނީ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތް ނަންގަވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން ވެރިކަން 'ކޮށްލި ކަމަށްޓަކައި' ދައުލަތުން ލައްކައަކަށްވުރެ ބޮޑު މުސާރައެއް ނަންގަވައި، ހަށިފާރައިގެ އިނާޔަތާއި އޮފީސް ހިންގުމުގެ ޚަރަދު ވެސް ނަންގަވާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. އެހެންވެ، ޞާލިޙް އިތުރުފުޅު ހެއްދެވިކަމަށް ތުހުމަތުކުރައްވާ، އެ އިނާޔަތްތައް ކަނޑާލަން ސައީދު ގޮވާލެއްވިއެވެ.