

މި ސަރުކާރުގެ ތެރޭގައި ރެނދުލާފައި އޮތްކަމުގެ އަޑުތަކަކީ ސަރުކަރު އުފެދުނުތާ މާގިނަ ދުވަހެއް ނުވެ އިވެން ފެށި ގަދަ އަޑެކެވެ.
އެގޮތުން ދާދި ފަހުން އެލްޖީއޭ މިނިސްޓަރާ އިސްލާމިކު މިނިސްޓަރާ ދެމެދުވެސް ކަންތައް ގަނޑެއް ހިނގި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކުރިއިރު، އަނެއްކާވެސް ސަރުކާރުގެ ތެރެއިން އެކަހަލަ ކަމެއް ދިމާވެއްޖެއެވެ.
އެގޮތުން މިއަދު ސޯޝަލް މީޑިޔާ ހާވަމުންދަނިކޮށް ލޮލުގައި އަޅައިގަތީ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން އާންމު ރައްޔިތަކު ކޮށްފައިވާ ޕޯސްޓެއް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލު ރިޕޯސްޓު ކުރައްވާފައި ވަނިކޮށެވެ.
އެގޮތުން، ރޭ އެމްޑީޕީއިން ބޭއްވި މުޒާހަރާގައި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ބައިވެރިވެފައިވަނިކޮށް ސައީދު ވަނީ ސޯލިހުގެ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ވިދާޅުވެ ޕޯސްޓުކުރައްވާފައެވެ.
އެ ޕޯސްޓަށް ރައްދުދީ ޕޯސްޓުކުރި މީހާ ވަނީ ހަޑި ހުތުރު ބަސް ބޭނުންކުރުމަށް ފަހު، ޑޮލަރުގެ އަގު ވާހަކަ ގިނަ ނުކޮށް ތިރިކުރުމަށް ސައީދަށް ގޮވާލާފައެވެ. އެމީހާގެ އެ ޕޯސްޓު އެއްވެސް އިތުރު ލަފްޒަކާވެސް ނުލާ ޑރ ޚަލީލު ވަނީ އެކްސްގައި ރިޕޯސްޓުކޯށްފައެވެ.
އެ ޕޯސްޓުގެ ސްކްރީން ޝޮޓެއް މި ނޫހަށްވެސް ލިބިފައިވީ ނަމަވެސް އަޚުލާގީ މިންގަނޑަށް ނުފެތޭތީ މި ޚަބަރުގައި އެ ފޮޓޯ ބޭނުންނުކުރުމަށް ވަނީ ނިންމާފައެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަމުން ގޮސް ޑޮލަރެއް ލިބޭ އަގު 20ރ. އިން މަތީގައި ހުންނަތާ ދެ މިހާރު ދެ މަސް ދުވަސް ފާއިތުވެފައިވާއިރު، އޭގެ ސަބަބުން ތަކެތީގެ އަގު މައްޗަށް ގޮސް ރައްޔިތުންނަށް ބޮޑެތި ތަކުލީލުފުތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.