

އެންމެ ފުރަތަމަ ގައުމޭ ކިޔާ ވެރިކަމަށް އައިސް ގިނަ ވެރިން އެންމެ ފުރަތަމަ ވިއްކާލަނީ ގައުމު ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ފާޑުކިޔުން އަމާޒުކުރައްވާފައިވަނީ، ޕީއެންސީ ސަރުކާރުން ގައުމުގައި ވައްކަމާ ކޮރަޕްޝަން މެކުހަަށް ޖައްސުވާފައިވާ ކަމަށް ބުނެ އެމްޑީޕީއިން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަށް އިޝާރާތްކުރައްވާ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ގައުމުގެ ހުރިހާ ކަންކަމަށް އެމްޑީޕީ ނަޒަރު ހިންގާލި ނަމަވެސް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކުރައްވާފައެވެ.
އެމަނިކޔފާނު ވަނީ އެކަމާ ގުޅިގެން އުނދަގޫވާ އެއްވެސް ވެރިއެއް ގައުމުގައި އެމަނިކުފާނު ފިޔަވާ ނެތްކަން ވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ވެރިކަމަށް އައުމަށް ރައްޔިތުންގެ ވޯޓު ހޯދަންވުމުން އެންމެ ފުރަތަމަ ގައުމާ މިނވަންކަމޭ ވިދާޅުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ފިލޯސަފީއެއް އޮތްބައެއް ނޫން ކަމަށާ އެ ޕާޓީއަށް ފަސް އަހަރުގެ ދައުރެއް ވެރިކަން ކުރަން ލިބުމުން ފުދޭނެ ކަމަށާ ގައުމާމެދު މާބޮޑު ފިކުރެއް އެމްޑީޕީގައި ނެތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެހެންނަމަވެސް އެމްޑީޕީއިންވެސް ސަރުކާރު ޒިންމާދާރު ކުރުވަން ރަގަޅު ކަމެއް ކުރާނަމަ އެކަން ބަލައިގަންނާނެ ކަމަށާ، އެގޮތުން ހުކުރު ދުވަހުގެރޭ އެމްޑީޕީއިން ބޭއްވި "ލޫޓޫވައިފި" މުޒާހަރާގައި ޕީއެންއެފްގެ މެމްބަރުން ބައިވެރިވި ކަމަށާ އެކަމުގައި ބައިވެރިވީ ގައުމީ ރޫހުގައި ގައުމީކަމެއްގެ ގޮތުގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.