

ކެންސަރު ބަލީގެ ބައެއް ބަލި މީހުންނަށް ބޭނުންވާ ބޭސް ސަރުކާރުން ނުގެންނާތީ، އެ ބޭސް ރާއްޖެ ގެނައުމުގެ ޒިންމާ ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް)އަށް ނިސްބަތްވާ އެ ޕާޓީގެ އާންމު މެމްބަރަކު ނަގައިފިއެވެ.
ކެންސަރުގެ ބަލީގެ ބައެއް ބަލި މީހުންނަށް ބޭނުންވާ ބޭސް، ރައްޔިތުންގެ އިޖްތިމާއީ ކަންކަން ބަލަހައްޓާ ރައްޔިތުންގެ ކުންފުނި، އެސްޓީއޯއިން ނުގެންނާތީ އަދި އެފަދަ ބޭސްތައް އަމިއްލަ ފާމަސީތަކުންވެސް ވިއްކުން ސަރުކާރުން ހުއްޓުވާކަމަށް އަޑުތައް ގަދަވެފައިވެއެވެ.
އެގޮތުން އެފަދަ ބަލި މީހުންގެ އާއިލާތަކުން އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކޮށް މިސް މީޑިޔާގައި ޝުއޫރު ފާޅުކުރަމުން ގެންދަނީ ސަރުކާރުން އެކަންކަމާ ރައްޔިތުންނަށް ކޮޅެއް މެދެއް ފެންނާނެ ފަދައިން އެހީތެރިކަން ފޯރުކޮށް ނުދޭކަމުގެ ތުހުމަތާ އެކުއެވެ.
މިކަން ކަމަށް އަލި އަޅުވާލާ، ބުރާސްފަތި ދުވަހުގެރޭ ޕިއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކާފައިވެއެވެ. އެ ވާހަކަތަކާ އެކު އާންމު ރައްޔިތެއް ކަމަށްވާ އަބްދުﷲ ރަޝީދު (ފޭރޭ ސޭޓު) ވަނީ ކީމޯތެރަޕީގެ އެ ބޭސް އޭނާގެ އަތުގައި އެބަހުރި ކަމަށާ އެ ބޭސް އޭނާ އެ ބަލި މީހާއަށް ހަދިޔާކޮށްފިކަން އިއުލާންކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އިތުރަށްވެސް އެ ބޭސް ރާއްޖެ ގެނައުމުގެ ޒިންމާ އޭނާ އަމިއްލަ ނަގައިފިކަމަށް ބުނެފައެވެ. އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އޭނާ އެފަދަ ޒިންމާއެއް ނެގީ، ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި ކަމަށާ އެހެނީ އެމަނިކުފާނަކީ ގައުމަށް ބޭނުންތެރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ވެރިއަކަށްވުމުން ކަމަށެވެ.
ސަރުކާރު ފެއިލްވެ ކެންސަރު ބަލީގެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެންނަން ޕީއެންއެފްގެ މެމްބަރަކު އިސް ނެގުމުން ހާމަވެގެން ދަނީ ސިއްހީ ނިޒާމު ގައުމުގައި ފެއިލްެވެފައިވާ މަންޒަރުކަމަށް ބުނުމުގެ ޖާގަ ތަނަސްވެގެން ދެއެވެ.