June 14, 2026
Advertisement
ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރާ ކަމަށް ބުނެފައިވަނިކޮށް އަނެއްކާވެސް ސްޓޭޓު މިނިސްޓަރެއް!
ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރާ ކަމަށް ބުނެފައިވަނިކޮށް އަނެއްކާވެސް ސްޓޭޓު މިނިސްޓަރެއް! / ސޯޝަލް މީޑިއާ

ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރާ ކަމަށް ބުނެފައިވަނިކޮށް އަނެއްކާވެސް ސްޓޭޓު މިނިސްޓަރެއް!

Jun 14, 2026, 01:24 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށް ސިޔާސީ މަގާމުތައް މަދު ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށް، ހެލްތު މިނިސްޓްރީއަށް ސްޓޭޓު މިނިސްޓަރު އައްޔަންކުރައްވައިފިއެވެ.

Advertisement

އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، އެލްޖީއޭގެ ކުރީގެ މިނިސްޓަރު، އަދި މިހާރު ގަތަރަށް ކަނޑއަޅުއްވާ ސަފީރެއްގެ ގޮތުގައި ނަން ފާސްކޮށްފައިވާ އާދަމް ޝަރީފު އުމރަރުގެ އަނބިކަނަބަލުން ޒީނާޒު އަދުނާނުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަހުގެ ކުރީކޮޅުން ފެށިގެން ޒީނާޒު އަންނަނީ އޮފީހަށް ނުކުމެވަޑައިގަންނަވަމުންނެވެ. އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު އެ މަގާމަށް ޒީނާޒު އައްޔަންކުރެއްވުމުން، އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި މަސައްކަތް ކުރައްވަނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޒީނާޒަށް ވެސް މަގާމު ދެއްވިކަން ސަރުކާރުން ރަސްމީކޮށް ހާމަ ކުރައްވާފައި ވެސް ނުވާއިރު، ރައީސް އޮފީހުގެ ވެބްސައިޓްގައި އެ މައުލޫމާތު ފެންނަން ވެސް ނެތެވެ.

މި ސަރުކާރުގެ ކުރީކޮޅު ޒީނާޒު ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށެވެ. އޭގެ ފަހުން ޒީނާޒަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އިސް މަގާމެއް ދެއްވި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށެއް ނުދެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުދާނު "ދެން" މަސައްކަތްކުރައްވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާ، އިލްމީ ގޮތުން ނާގާބިލު ބަޔަކު މަގާމުތަކަށް ދެން އައްޔަންނުކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ބޭކާރު މަގާމުތައް ވެސް ނުއުފައްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved