
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތިން ރަށެއްގައި އެއްވަގުތެއްގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީއިން ކުރި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ސަރުކާރުގެ އެންމެ މަތިން އަންގައިގެން މުޒާހަރާގެ ބައެއް ބައިވެރިން އަނިޔާވެރިކޮށް ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ކޯޓަށް ގެންގޮސް 15 ދުވަހުގެ މުއްދަތެއް ޖަހާ ދުނިދޫ ޖަލަށް ވެސް ވަނީ ސިޔާސީ ހައްޔަރީން ބަދަލުކޮށްފައެވެ.
އެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ ދެ މެމްބަރަކާ އަދި މިހާރުގެ ކައުންސިލަރެއް ހިމެނެއެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނޭތީ މިއަދު އެ ތިން މީހުން ނިސްބަތްވާ ތިން ރަށުގެ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ނިންމާފައިކަމަށް އެމްޑީޕީއިން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީ ބުނެފައި ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލަން ދާންދޫގައި ބާއްވާ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:30 ގައި އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
ކުޅުދުއްފުށީގައި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އެރަށުގެ ބަންޑާރަ މައިދާނުގައި ކަމަށާއި، މާފުށީގައި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އެމްޑީޕީގެ ހަރުގޭގައި ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން
މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް އެވެ. ޚަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.










