އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު މެންދުރު ފަހު 2:30ގައި ވޯޓުލުން ފެށިއިރު، ފޮށިތައް ބަންދުކުރާނީ މިރޭ 8 ޖަހާއިރު ކަމަށް އެމްޑީޕީއިން މައުލޫމާތު ދީފައިވެއެވެ.
މާލޭގެ ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށިތައް ބަހައްޓައިގެން ޕްރައިމަރީ ކުރިއަށް ގެންދާއިރު، އެންމެ ވާދަވެރިކޮށް ދަނީ، މާލޭގެ މޭޔަރުކަމަށް ޕާޓީން ނެރޭނެ މީހަކު ހޮވުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އެމްޑީޕީގެ މި ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އާއި މެމްބަރުން ހިމެނޭ ގޮތަށެވެ.