March 19, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މެމްބަރު މައުރޫފު ބަންދުން ދޫކޮށްލައިފި

Yana Shareef
ޔާނާ ޝަރީފް
Dec 14, 2025, 09:32 AM

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެސްޖީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެެވެ.

Advertisement

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި ކަމަށާއި، އޭނާ މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މުޒާހަރާގައި، ބަންދުކުރި އެހެން ހުރިހާ ފަރާތްތަކެއް ޝަރުތެއް ނެތި މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލާކަމަށް އޭނާ އެ ޕޯސްޓުގައި ލިޔުއްވިއެވެ.

މީގެ އިތުރުން، މަސްވެރިންނާއެކު އެކަށީގެންވާ މަޝްވަރާއެއް ފަށައި، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް، މި ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޒިންމާދާރު އަދި ތަހުޒީބީ ސަރުކާރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މައުރޫފު ހައްޔަރުކޮށްފައި ވަނިކޮށް، ހޮނިހިރު ދުވަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީއެއްގައި އޮޕަރޭޝަނެއް ކޮށްފައެވެ.

މައުރޫފް އޮޕަރޭޝަނެއް ކުރީ ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މަޢުރޫފް، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން މަޢުރޫފް އެދިވަޑައިގަތީ ފުލުހުންގެ ބަންދުގައި ހުރިއިރު ދިމާވި ކަމަކާ ގުޅިގެން ނޫންކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރާއި ބައެއް މަސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved