
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައިވެސް ރައްޔިތުންނަށް ނުގެއްލޭ މިންވަރަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތަކުން ކަމަށާއި ރައްޔިތުންގެ އަޣުލަބިއްޔަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް މުޢިއްޒަށް ވެރިކަން ލިބުމަކީ މި ގައުމު ހިތުހުރި ގޮތަކަށް ހެދުމަށް ރައްޔިތުން އެމަނިކުފާނަށް ދިން ލައިސަންސެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވަޢުދުތަކާއި މެނިފެސްޓޯއާ އެމަނިކުފާނު ޚިލާފުވަމުންދާކަން ވެސް މައުރޫފު ފާހަގަކުރައްވާފައިވެއެވެ. ގާނޫނު އަސާސީ ރޫޅާލުމާއި، އިންތިޚާބުތައް އެއްކޮށްލުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތް ކަންކަން ނޫން ކަމަށެވެ. އަދި އިންޑިއާ އައުޓް ކުރުމާއި، ޗާގޯސް ހޯދުމާއި، ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް މައުރޫފް ތުހުމަތު ކުރެއްވިއެވެ. އެގޮތުން މައުރޫފު ވަނީ ރައީސް މުއިއްޒަކީ މިހާރު ލެޖިޓިމަސީ ނުވަތަ ގާނޫނީ ސައްހަކަން އޮތް ވެރިއެއް ނޫންކަމަށް ވިދާޅުވެފައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ދަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބާރުތައް ފުނޑާލަމުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި، އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަކީ އެމްޑީޕީން ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން ހޯދާފައިވާ ހައްގުތަކެއްކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ މި ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ އެމްޑީޕީގެ ބޮލުގައި އެބައޮތް ކަމަށެވެ. އަދި މައުރޫފް ވަނީ ސަރުކާރުން ކުރަން އުޅޭ ކަންކަމާ ދެކޮޅަށް މާލޭގެ މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ބޭއްވުމަށާއި، ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ރިފަރެންޑަމަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.










