ދިވެހިރާއްޖެއަށް ތަންކޮޅެއް ވަރުގަދަ ރައީސަކު ބޭނުންވާކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފޮރާގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގައި ގައުމުގެ ކަންކަމަށް ނަޒަރު ހިންގަވާލައްވާ ވާހަކަ ދައްކަވަމުން، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަރ މޯލްޑިވްސްގެ ސީއީއޯ ފިރާގު ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެތައް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވުމެވެ.
މިއާއެކު ސަރުކާރުން ހިންގަން ޖެހޭ ޕްރޮޖެކުޓުތަކާ ހަވާލުވާ އަމިއްލަ ފަރާތްތައް މަދުވެ ސަރުކާރުގެ ކުންފުނިތަކާ އެކަންކަން ހަވާލުކުރަން ޖެހޭކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މިފަދަ ކަންކަން ހަވާލުކުރުމަކީ، އިގްތިސޯދަށް ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި، އަމިއްލަ ވިޔަފާރިތައް ވަޅުޖަހައިގެން ދިއުމަކީ ނުވަތަ އެ ވިޔަފާރިތައް ހުއްޓިގެން ދިއުމަކީ އެދެވޭ ނަތީޖާއެއް ނޫން ކަމަށް ފިރާޤު ވިދާޅުވިއެވެ.
ފިރާގުވަނީ ރައީސްގެ އަރިހުގައި މަޝްވަރާއާ ލަފާއަރުވަން ތިބޭ މީހުންގެ ފެންވަރު ނެތްކަން ހާމަވާކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން ރައީސް އަރިހުގައި ދަތުރުފުޅު ކުރައްވައި ހަވާލުކުރައްވާ ނުވަތަ ސޮއިކުރައްވާ ބައެއް ޕްރޮޖެކްޓްތަކަކީ އެމަނިކުފާނު، ފައްޓަވަން ޖެހޭ ކަންކަން ނޫންކަން ފިރާގު ފާހަގަކުރެއްވިއެވެ.
ފިރާގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކުދިކުދި ކަންތައް ކުރުމަށް ވުރެ ކުރަން މަތިވެފައި ހުންނަ މާ ޚާއްސަ ކަންތައްތައް ހުންނާނެ ކަމަށާ ރައީސްގެ މަގާމުގައި ހުންނަން ވާނީ ހައިބަތު ހުރި ވަރުގަދަ ވެރިއެއް ކަމަށް ފިރާގު ވިދާޅުވިއެވެ.
ބޮޑެތި ޕްރޮޖެކްޓްތަކަކީ ޙަޤީޤަތުގައި ވެސް ބޮޑެތި ޕްރޮޖެކްޓްތަކަށް ވާންޖެހޭ ކަމަށާއި، ހަފްތާއަކު ތިން ނުވަތަ ހަތަރު ދުވަސް ވަގުތު ހޭދަކޮށްގެން ރައީސް ވަޑައިގެން ކުރައްވާ ކުދިކުދި ކަންތައްތަކަށްވުރެ، ޤައުމީ މައްސަލަތަކަށް އަހައްމިއްޔަތުކަން ދިނުން މާ މުހިންމު ކަން ފިރާގު ފާހަަގަކުރެއްވިއެވެ.
މީގެ އިތުރުން އިގްތިސޯދު އަރި އަޅާލައިފައިވާ ދަނޑިވަޅެއްގައި، ވޮލީ ކޯޓު، ބާސްކެޓް ކޯޓު، ޓީޓީ ކޯޓު ފަދަ ތަންތަން އެޅުމަށްވުރެ ބޮޑަށް، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިލްމީ ގޮތަކަށް، ތަޖުރިބާކާރު ބޭފުޅުންގެ މަޝްވަރާގެ މަތިން ކުރިއަށް ދިއުން މާ މުހިންމު ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ވަގުތު ހުސްކޮށް ރައީސްގެ ފޯކަސް އެކަންކަމަށް ހުއްޓުވައިދނުމަށް ފިރާގު ވަނީ ގޮވާލައްވާފައެވެ.
ދިކުދި މަޝްރޫޢުތައް ހަވާލުކުރައްވައި ހުޅުއްވައި ދެއްވުމަށް ވަގުތު ހުސްކުރައްވާތީ ފިރާގު ނުރުހުން އަމާޒުކުރައްވާފައިވާއިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރައީސް މުއިއްޒު އެފަދަ ކަންކަމަށް ވަގުތު ހޭދަކުރެއްވުމުގެ ބަދަލުގައި ގާނޫނުތަކުން މަތިކޮށްފައިވާ މާ ވަރުގަދަ ޒިންމާތަކެއް ހުންނާނެ ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ހެޔޮވެރިކަމެއް ކޯށްދެއްވަން ވަށައިގެންނެވި ސީރިއަސް ރައީސެއް ނަމަ އޭޓީއެމް ފަދަ ތަންތަން ހުޅުވުމަށް ވުރެ މާބޮޑެތި މަސްއޫލިއްޔަތު ހުންނާނެ ކަމަށެވެ.