

ފްރާންސްގެ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ސަބޭސްޓިއަން ލެކޯނޫ އެނބުރި އެ މަގާމަށް އަލުން އައުމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން އެދިވަޑައިގެންފިއެވެ.
ލެކޯނޫ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވީ މީގެ ހަތަރު ދުވަސް ކުރިން، "ބޮޑު ވަޒީރުކަމުގެ މަގާމުގައި ދެމިހުރުމަށް ޝަރުތުތައް ފުރިހަމައެއް ނުވި" ކަމަށް ބުނެއެވެ.
ލެކޯނޫ އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވިތާ 26 ދުވަސް ފަހުންނެވެ. އަދި ފްރާންސްގެ އައު ކެބިނެޓް ހާމަކުރިތާ އެއް ދުވަސް ނުވަނީހެވެ.
އޭނާ މި މަގާމަށް އަލުން އައްޔަން ކުރުމާއެކު އޭނާއަށް ސަރުކާރެއް އެކުލަވާލެވޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް އޭނާގެ ޒިންމާތަކާ އޭނާ ހަވާލުވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
އާ ބޮޑުވަޒީރަށް އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސް ކަމަށް ވެސް ފްރާންސުން ވަނީ ބުނެފައެވެ.
އެލިސީން ބުނީ ރައީސް "ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް [ލެކޯރްނޫ] އަށް ހަވާލުކޮށްފައިވާ" ކަމަށެވެ.
ލެކޯނޫ ފުރަތަމަ ފަހަރަށް އެ މަގާމަށް އައްޔަން ކުރެވުނީ ފްރާންސޯ ބައިރޫގެ ކުރީގެ ސަރުކާރު ވެއްޓުމުންނެވެ.
ފްރާންސްގެ ސަރުކާރު އޭރު ވެއްޓުނީ އިގްތިސާދީ ދަތިތަކާއި ޖިއޮޕޮލިޓިކަލް ޓެންޝަންތައް އެ ގައުމުގައި އިތުރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރު ވެއްޓިގެން ދިޔައީ އިއާންމު ބަންދު ދުވަސްތަކެއް އުވާލުމާއި ސަރުކާރުގެ ހަރަދުތައް ފްރީޒް ކުރުން ހިމެނޭ ގޮތަށް 44 ބިލިއަން ޔޫރޯ (51 ބިލިއަން ޑޮލަރު) ގެ ސޭވިންގްސް ޕްލޭނެއް ކުރިއަށް ގެންދިއުމަށް ބައިރޫ ގޮވާލެއްވުމުންނެވެ.