ސަހްޔޫނީންނަށް އެންމެ ބޮޑަށް ހަމްދަރުދީވާ ފްރާންސް ނުވަތަ ފަރަންސޭސީ ކަނޑުގެ ސިފައިގެން ސިގްނަލްސް އިންޓެލިޖެންސް މަނަވަރު ޑުޕައި ޑިލޮމޭ ރަހުމަތްތެރިކަމުގެ ޒިޔާރަތެއް ރާއްޖެއަށް ކޮށްފިއެވެ.
މި މަނަވަރަކީ ކަނޑުގެ ސަރަހައްދުގައި ޖާސޫސުކޮށް އިލެކްޓްރޯމެގްނެޓިކް ރިސަރޗްއަށް ފަރަންސޭސީން ބޭނުންކުރާ މަނަވަރެއްކަން ފާހަގަކޮށްލެވެއެވެ.
މި މަނަވަރު ރާއްޖޭގައި ބަނދަރުކޮށްފައި ވަނީ މާލެ ސަރަހައްދުގައެވެ.
މި މަނަވަރު ރާއްޖެއަށް ކުރަމުންދާ ދަތުރާއި ބެހޭ ގޮތުން އެމްއެންޑީއެފް އިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
މިމަނަވަރަކީ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއްކަމުން މިއުޅަނދާއި ބެހޭ މާގިނަ މައުލޫމާތެއް ފަރަންސޭސީ އަސްކަރިއްޔާއިން ވެސް ހާމަކޮށްފައިނުވެއެވެ.
މި މަނަވަރު ވަނީ އިންޑިއާގެ ދެކުނުގައިވާ އެ ގައުމުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ވިޝާކަޕަޓްނަމްއަށް ވެސް މި މަނަވަރު ޒިޔާރަތްކޮށްފައިވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން މި އުޅަނދު ވަނީ އެތައް ފަހަރަކު ބޮސްފަރަސް ހުރަސްކޮށް، ކަޅުކަނޑަށް ވަދެ، ޔޫކްރެއިންގެ އޮޑޭޝާގައި ބަނދަރުކޮށްފައެވެ.
ނޭޓޯގެ ފައުޖުގައި ހިމެނޭ ފަރަންސޭސީ ޖާސޫސީ މަނަވަރެއް ރަޝިޔާއާ މިހާ ކައިރީގައި ބަނދަކުރާތީ ރަޝިޔާއިން އޭރު އެތައް ފަހަރަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.
2015 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންގެ ކްރައިމިއާ ހިފުމާއި ގުޅިގެން ބްލެކްސީއަށް ޑިޕްލޯއި ކުރި ނޭޓޯގެ ފައުޖުގައި ވެސް ޑުޕައި ޑިލޮމޭ ހިމެނެއެވެ.
ޖާސޫސީ މަނަވަރެއް ރާއްޖޭގައި އޮންނަ އިރު އެ މަނަވަރު ރާއްޖެ އައި ސަބަބާއެކު އިތުރު މައުލޫމާތު އެމްއެންޑީއެފް އިން ހާމަނުކުރާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.