

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީޤުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން ރައީސް ޑރ މުއިއްޒު މިއަދު މި ބިލް ތަސްދީޤުކުރައްވައިފިއެވެ.
އެގޮތުން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަސްދީޤުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބަންޑާރަ ނާއިބު ދެއްވާ ލަފާފުޅާ އެއްގޮތަށް އަމަލުކުރައްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރޯދަމަހު މި އިންތިހާބު ބޭއްވުމަކީ ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ މުއިއްޒު ވަނީ އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ އިންތިޚާބް ފަސްކުރުުމަށް ނިންމާ ބިލް ތަސްދީގް ކުރުމަށް ފޮނުވާފައެވެ. ފުރަތަމަ ބުރުގައި ރައީސް ވަނީ އިންތިޚާބް ފަސްކުރަން ބޭނުންނުވާކަމަށް ވިދާޅުވެ އަލުން މަޖިލީހަށް ފޮނުވާފައެވެ. ނަަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ އަނެއްކާވެސް އެ ބިލް ތަސްދީގު ކުރުމަށް ފޮނުވާލާފައެވެ. ސަބަބެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކުރެއްވީ އެއީ ރޯދަ މަހު ވޯޓު ލާން ނިކުންނަ ފަރާތްތައް މަދުވާނެތީކަމަށެވެ.
ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ށ ގައި ވާގޮތުން އެ ބިލް އަލުން ފޮނުވައިފި ކަމުގައި ވާނަމަ ތަސްދީގު ކުރުން ރައީސަށް މަޖުބުރުވާނެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ރައީސް ބިލް ތަސްދީގު ކުރެއްވީ ގާނޫނު އަސާސީ އާ ހިލާފް ނުވުމަށްޓަކައިއެވެ.