

ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް އުފުލުމުން، ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި އެއީ އެހެން ގައުމުތަކުގެ ތަޖުރިބާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމްޕޯޓު ޑިއުޓީ މަތި ކުރުމުން ސްމަގްލިން އިތުރުވާކަމީ ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓު ދެ ކޮންޓެއިނަރުގެ މައްސަލަ ފެންމަތިވެ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެޓު ކުރީ އެ އޮފީހުން ކަމަށެވެ.
ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
Import duty mathi kurumun smuggling ithuruvaa kamee qaumu thakuge thajurubaa in varah saaf koh fenaan oia haqeegatheh. Cigarette ge duty inthihaa ah ufulumun vagu viyafaari ithuru vaane.
— MN unofficial (@anedhivehirajje) October 15, 2025