
ރައީސް ޑރ، މުހައްމަދު މުޢިއްޒުގެ އަރިހުގައި މިހާރު ތަންދޮރު ދަންނަ މީހަކު ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކައިގައެވެ.
އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒުގެ އަރިހުގައި މިހާރު ޤައުމުގެ ކަންކަމާ ގުޅޭގޮތުން ވިސްނޭ، ތަނެއް ދޮރެއް އެނގޭ ފަދަ ޤާބިލު ބޭފުޅުންނެއް ނެތް ކަމަށާއި، އެހެންކަމުން މި ސަރުކާރަށް މާބޮޑު ކަމެއް ދެން ރައްޔިތުންނަށް ކޮށްދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒުގެ އަރިހުގައި މިހާރު ޤައުމުގެ ކަންކަމާ ގުޅޭގޮތުން ވިސްނޭ، ތަނެއް ދޮރެއް އެނގޭ ފަދަ ޤާބިލު ބޭފުޅުންނެއް ނެތް ކަމަށެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒު އަރިހުގައި ތިބި ތަންދޮރު ރަނގަަޅަށް އެނގޭ ބޭފުޅުން މިހާރު ޕީއެންސީ ދޫކުރައްވައި ވަޑައިގެންފި ކަމަށާއި އެބޭފުޅުން މިހާރު ތިބީ ރައީސް ޔާމިނާއެކު ކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ކަންކަން ކުރުމުގެ ޤާބިލުކަން ހުރި މިންވަރާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
ސަރުކާރުން އެކި ކަހަލަ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާ ވާހަކަ ދެއްކި ނަމަވެސް، މިވަގުތު ރައްޔިތުންނަށް އެންމެ މުހިންމީ އެފަދަ މަޝްރޫޢުތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ނުވަތަ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޙާލަތަށް ބަލާއިރު، ކޮންމެ މީހަކަށް 9،000 ނުވަތަ 10،000 ރުފިޔާ ލިބުނު ކަމުގައި ވީ ނަމަވެސް، ގޭގެ ހުރިހާ އެންމެން އާމްދަނީ ހޯދި ކަމުގައި ވީނަމަވެސް، ދިރިއުޅެވޭނީ ކިރިޔާ ސަރުކާރުން އެއްޗެއް ދީގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެހެން ނޫންނަމަ އަނެއްކާވެސް ޖެހޭނީ ދަރަނިވެރިވާން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ޢާއިލާތަކުގެ އާމްދަނީއާއި ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެވްރެޖްކޮށް ކޮންމެ ގެއަކަށް 20،000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެއް ވަންނަ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ނަމަވެސް، ތެލާއި، ކަރަންޓާއި، ފެނުގެ ޚިދުމަތްތަކުގެ އަގުތައް މިހާރު ހުރި ނިސްބަތުން 20،000 ރުފިޔާއަކީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސޭނެ މިންވަރެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.










