March 13, 2026
Advertisement
-
- / ކަސްޓަމްސް

ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 20, 2025, 01:55 AM
މާލެ ސިޓީ

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.

Advertisement

ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް މިއަދު ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގަ އެވެ.

ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ވަނީ ރޭވުމެއްގެ ދަށުން ގެއްލުވާލާފައެވެ.

އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެ ތަކެތި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އެވެ. އަދި އެ ތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ ކުރީކޮޅު އެވެ.

އެ މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް، އަދި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން ފާއިތުވެދިޔަ އަހަރުން ފެށިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ ހަރުކަށި ކޮށްފަ އެވެ. ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ އެފަދަ ބާވަތްތައް ހިފަައްޓާ ކަސްޓަމްސް އިން ދަނީ ނައްތާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved