
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ނިމެން މާ ގިނަ ދުވަހެއް ނެތް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، ވަގަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި 13.6 މިލިއަން ސިނގެރޭޓު ހުޅުމާލެ އެމްޕީއެލްގައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގު ކުރިއަށް ނުދާކަން ހާމަކޮށް ލިޔެފައި އޮތް ހެޑްލައިންއެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ޒުވާން ކުދިން ފަހާ ދުވެ ފޯނުތައް އަތުލާ ހިފެހެއްޓުމުގެ ބަދަލުގައި މިހާރު ސަރުކާރުން ބަލަންވީ އެ ސިނގިރޭޓުތައް ގެއްލުނު މައްސަލަ ކަމަށެވެ.
ސްމަގްލު ކުރި 13 މިލިއަން ސިނގަރޭޓު ގެއްލުނު މައްސަލަ ކޮޅެއްގައި ނުޖައްސާ ސަރުކާރުން ޒުވާން އަންހެން ކުދިންގެ ފޯނު އަތުލައި ކުރަނީ ސިޔާސީ ކަންކަން ކަމަށް ވިދާޅުވެ މަލީހު ވަނީ ގައުމުގައި ހުރި "އަސްލު" މައްސަލަތައް ބަލަން ސަރުކާރަށް ގޮވާލާފައެވެ.
މަލީހުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަން ނިމެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ގިނަ ރައްޔިތުންގެ އިތުބާރު ވަނީ މި ސަރުކާރަށް ގެއްލިފައެވެ.










