ހަގީގަތާ ޚިލާފު ބަދުނާމުތަކެއް އަޅުވާ ވަޒީފާއިން ވަކި ކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ މަހްމޫދު ރިޔާޒުގެ މަގާމު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޔާދަ ކޮށްދެއްވައިފިއެވެ.
ރައީސް މުއިއްޒު ރިޔާޒުގެ މަގާމު އިއާދަ ކުރެއްވީ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެކަން އެކްސްގައިވެސް އިއުލާން ކުރައްވާ އޭނާ މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުންނެވެ.
މިދިޔަ މަހުގެ 29 ދުވަހު ރިޔާޒުގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓަރ ކޮމިޝަނަރގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދުވެސް މަގާމުން ވަކިކުރީ ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލަ އާއި ބޯޓަކުން ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރިކުރި މައްސަލައިގައި ކަމަށް ރައީސް މުއިއްޒުގެ ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރަނގަޅަށް ތަހުގީގު ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހުން ފޮނުވި ސިޓީއަކަށް ރިޔާޒު މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވެސް އޭނާ ބުނަމުން ގޮސްފައިވަނީ ދުވަހަކުވެސް ކޮރަޕްޝަންގެ އަމަލެއް ނުހިންގާ ކަމަށާ ނުވެސް ހިންގާނެ ކަމަށެވެ.
33 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ނަޒާހަތްތެރިކަމާ އެކު ކުރެއްވި އަބުރުވެރި މަސައްކަތުން އެއް ފަރާތްކޮށް ބޮޑެތި ބަދުނާމުތައް އޭނާގެ ބޮލުގައި އަޅުފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީކާ ގުޅިގެން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހްގީގު ކުރެއްވުމަށް ފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސޯޝަލް މީޑިޔާގައި އެކަން ހިއްސާކޮށްފައެވެ.
ރިޔާޒުއަށް އޭނާގެ ވަޒީފާ އަނބުރާ ލިބުނު ނަމަވެސް މުޅި ގައުމަށް އޭނާ ބަދުނާމުކޮށް އޭނާގެ އަބުރު ކަތިލެވިގެން ދިޔަ ދިއުމުގެ ބަދަލު އޭނާއަށް މަޖިލީހުން ދޭން ވާނެކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެނީ އޭނާ މަގާމުން ވަކި ކުރީ ރައީސް މުއިއްޒުގ ފުލް ކޮންޓްރޯލު އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އެންގި އެންގުމަކަށްވާތީކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.
33 އަހަރުގެ ތެރޭގައި ގަދަރުވެރިކަމާ ޝަރަފްވެރިކަމާ އެކު އަދާކުރަމުން އައި ޒިންމާއިން އެއް ފަރާތްކޮށް އަބުރުގައި ކަޅު ލައްގަނޑެއް މަޖިލީހުން ޖެއްސި ޖެއްސުމުގެ ޒިންމާ ނަގާނީ ކާކުބާއެވެ؟