

އަދާލަތު ޕާޓީން މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީ އިން މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ކަމަށެވެ.
އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ދައުލަތް ހިިންގުމުގެ މުޅި ނިޒާމު ހަރާބުކޮށް އޮޅުންބޮޅުން އަރުވާފައިވާ ކަމަށެވެ.
މިގޮތުން ފުރަތަމަ ތަޅު އެޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި އެއަށްފަހު މުޅި ޝަރުއީ ދާއިރާ ފުޑާލައި މިނިވަން މީޑިއާގައި ތަޅު އަޅުވާފައިވާ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން، މުޅި ރާއްޖޭގެ އިގުތިސޯދު ފުނޑި، ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީ މިއޮތީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފަ. އަޅުގަނޑު ހިތުން, އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާ އެއްގޮތައް. އެއީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް. އެހެންވީމަ ޕާޓީގެ މަޝްްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތައް ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރިއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ
އަދާލަތު ޕާޓީ އިން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި،ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަދާލަތު ޕާޓީ އަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށް ފާހަގަކުރިއެވެ.
ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި، އިގުތިސާދަށާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުން ދާތީ ރައީސް މުހައްމަދު މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.