

ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ވަގު ފޯމުތައް ހުށަހަޅައިގެން މެމްބަރުންގެ އިތުރުކުރި ޕީއެންސީއަށް 13 މިލިއަން ހިމެނޭހެން 5 ޕާޓީއަކަށް ފައިސާ ދޫކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު ގާނޫނުގައި ބުނާ އަދަދު ހަމަވެ ފައިސާ ލިބުނު ޕާޓިތަކުގެ ތެރޭގައި ހިމެނެނީ ޕީއެންސީ، އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ ހިމެނެއެވެ.
އެގޮތުން އެންމެ މެމްބަރުން ގިނަ ޕާޓިގެ ގޮތުގައި، ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރި ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކުރީ އެމްޑީޕީ އަށެވެ. އެއީ 8.4 މިލިއަން ރުފިޔާ އެވެ.
ތިންވަނައަށް އެންމެ ގިނަ ފައިސާ ދޫކުރީ ޖުމްހޫރީ ޕާޓީ އަށެވެ. އެއީ 2.7 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެމްޑީއޭއަށް 1.8 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ވެސް ދޫކުރި އެވެ. އެއާއެކު ޖުމްލަ 28 މިލިއަން ރުފިޔާ މި ފަހަރު ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވެއެވެ.
އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ޕީއެންސީއަށް ފައިސާ ލިބިފައިވާއިރު އެތައް ރައްޔިތުން ވަނީ އެ ރައްޔިތުންގެ ޒާތީ މައުލޫމާތު ހުއްދައާ ނުލާ ބޭނުންކޮށްފައިވާތީ އެ ޕާޓީއާ ދެކޮޅަށް އެތައް މުއައްސަސާއަކަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް މުއައްސަސާއަކުން އެ މައްސަލަ ބަލާފައިނުވެއެވެ. އޭގެ ތެރޭގައި އީސީ ވެސް ހިމެނެއެވެ.