

އިލެކްޓްރޯނިކް މޮނިޓަރިން ޓެގްގެ ނިޒާމު ގާއިމުކުރީ ރައީސުލްޖުމްހޫރިއްޔާގެ ގާތް މީހުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބަން ނޫން ކަމަށާއި ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ކަމަށް ވިދާޅުވެ ނުރައްކާތެރި ކުށްވެރިން ރައީސް މުއިއްޒު ދޫކުރަން އުޅއްވާކަމުގެ ތުހުމަތު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދަން "ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިހާރު ފަށާފައި" ވާ ކަމަށެވެ.
ލުއި ދޭން ނިންމާފައިވަނީ ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު، އިލެކްޓްރޯނިކް މޮނިޓަރިންގް ނިޒާމެއްގެ ތެރެއިން މީހުން ބަންދުން ދޫކުރާ ގޮތަށެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން 'ވާނުވާ' ބަންދުގައި ތިބެން ޖެހުމުގެ މައްސަލައިގެ ހައްލެެއް ގޮތުން ބައެއް މީހުން ޓެގު އަޅުވާފައި ދޫކުރަން ފެށީ އިއްޔެ އެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގްގެ ނިޒާމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގާއިމުކުރި ނިޒާމެއް ކަމަށާއި އެ ނިޒާމް ގާއިމުކުރީ ބޮޑެތި ކުށްކުރާ މީހުންގެ ތެރޭގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބަން ނޫން ކަމަށެވެ.
ތިޔަ ހައްދަނީ ވަރަށްބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަންކަން އަޅުގަނޑުމެންނަށް އެނގޭ،
ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީރިއަސް ކުށްތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި ޖިންސީ ކުށް އަދި ޓެރަރިޒަމް ފަދަ ކުށްތައް ހިމެނެ އެވެ.
މި މައްސަލައިގެ މައިގަނޑު ހައްލަކީ ޝަރީއަތްތައް އަވަހަށް ނިންމައި ހުކުމަކާ ހަމައަށް ވާސިލްވުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތަކީ، މުޖުތަމައުގެ ރައްކަލަށާއި އިންސާފުގެ ކުރިމައްޗަށް ކުށްކުރި މީހާ ގެނައުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އޮންނަ ގޮތެވެ.
ރާއްޖޭގެ ކުށުގެ ވެށި ފުޅާވަމުން ދަނީ ނުރައްކާތެރި ދަރަޖައަކަށެވެ. ނަމަވެސް އެފަދަ ކުށްކުރާ މީހުން ހައްޔަރުކޮށް، ބަންދު ކުރުމުގައި ނިންމަން ޖެހެނީ ވަރަށް އުނދަގޫ ނިންމުމެކެވެ. އެއްކޮޅުން މީހުން ދޫވާތީ ފާޑުކިޔާއިރު، އަނެއްކޮޅުން އޮތީ މީހުން ބަންދު ކުރާތީ އޮންނަ ޝަކުވާ އެވެ.